ލާމަރުކަޒީ ޤާނޫނަށް ގެނައިބަދަލުތަކާއި އެކު އިންތިޚާބު ބޭއްވުމަށް ކަނޑައެޅި ބަޖެޓްގެ އިތުރުން، އިތުރުކުރަން އެދުނު ބަޖެޓް މިހާތަނަށް ލިބިފައިނުވުމަކީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމެއް ކަމުގައި އިލެކްޝަން ކޮމިޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ މައްސަލަތައް މަދުކޮށް ކާމިޔާބު ކަމާއިއެކު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގައުމީ ލަފާދޭ ކޮމިޓީއާއިއެކު ބޭއްވި މަޝްވަރާބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ވަނީ އިންތިޚާބްގެ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެެވެ.
ކައުންސިލް އިންތިޚާބަށް ޚަރަދުވާނެކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ ބަޖެޓް ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސައި ދެއްވާފައެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އިންތިޚާބްގެ އިދާރީ ކަންތައްތަކަށާއި، އިންތިޚާބީ ކަންކަމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއާއިއެކު ކޮމިޝަނުން ވަނީ ޤާނޫނަށް ގެނައި ބަދަލުތަކާއި އިންތިޚާބް ބޭއްވުމށް ބޭނުންވާ އިތުރު 21 މިލިޔަން ރުފިޔާ ބޭނުންވާކަމަށް ފިނޭންސް މިނިސްޓްރީގައި ދަންނަވާފައެވެ.
ޤައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ އިތުރުކުރަން އެދުނު ބަޖެޓް ނުލިބި ލަސްވާނަމަ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ބަޖެޓް ހަމަޖެހޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދެއްވާފައި ވީނަމަވެސް ބަޖެޓް ލިބުން ލަސްވުމަކީ އިންތިޚާބުގެ ކަންކަން ކުރުމަށް ދަތިތައް ދިމާވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
"ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖެހޭނެކަމަށް އޮތީ ދަންނަވާފަ. އެހެންނަމަވެސް މިހާރު އިންތިޚާބްގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް އަޅުގަޑުމެން މިދަނީ ކުރަމުން. އިތުރުކުރި ބަޖެޓް ވީހާވެސް އަވަހަކަށް ލިބުމަކީ އިންތިޚާބަށް އަޅުގަނޑުމެން ކަނޑައެޅި ކަންކަމާއިއެކު ފުރިހަމަ އިންތިޚާބެއް ބޭއްވުމަށް ލުބިގެންދާނެކަމެއް." އަކްރަމް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓް ކަރުދާސްތަކުގައި އިލެކްޝަން ކޮމިޝަންގެ ސްޓޭންޕެއް ޖެހިގޮތަށް މިއިންތިޚާބުގައިވެސް އަމަލުކުރުމާއި ގުޅޭގޮތުން މިބައްދަލުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ގިނަ އަދަދެއްގެ ވޯޓު ކަރުދާސް މިފަހަރު ޕްރިންޓްކޮށް ގެންގުޅެންޖުހުމުން އެންމެ ކަރުދާހެއްގައިވެސް ނުޖެހި ގޮސްދާނެތީ ސްޓޭމްޕް ނުޖެހުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުވުމުގައި ބައެއް މެމްބަރުން ވަނީ ސްޓޭމްޕް ޖެހުމަކީވެސް ރަނގަޅު ކަމެއްކަމަށް ފާހަގަކޮށްފައެވެ.
މިބައްދަލުވުމުގައި ކައުންސިލް އިންތިޚާބާއިއެކީ ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވީ މިއިންތިޚާބުގައި ކުރިމަތިލެވޭނީ އެރަށަކަށް ނުވަތަ އެސިޓީއަކަށް ނިސްބަތްވާ ކަނބަލަކަށް ކަމުގައެވެ. ނަމަވެސް ވޯޓް ދިނުމުގެ ހައްގު އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާއިރު، މި އިންތިޚާބް އަމާންކަމާއިއެކު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ކޮންމެ ފޮއްޓަކަށް ވޯޓްލެވޭ އެންމެ ގިނަ އަދަދަކީ 800 މީހުންކަމަށް އިލެކްޝަނުން ވަނީ ކަނަޑައަޅާފައެވެ. މިބަދަލާއިއެކު ކުރިން އެމީހަކު ވޯޓްލީ މަރުކަޒު ބަދަލުވުމަކީ އެކަށީގެންވާ ކަމެއްކަަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި މިބަދަލު ބޮޑަށް އަންނާނީ މާލެސިޓީގައި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.