ޚަބަރު

ރަށް ގިރުން އިތުރުވެފައިވާ މައްސަލަ ބައިނަލްއަޤުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ: ކޮމިޓީ


ރަށް ގިރުން އިތުރުވެފައިވާތީ އެ މައްސަލަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖްގެ މެމްބަރުން ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ރަށްތައް ގިރަމުންދާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީން ބޭއްވި ކުލި ބައްދަލުވުމުގައި މެމްބަރުން ވަނީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެެވެ.

ރަށްތައް ގިރުމުގެ މައްސަލަ ބައިނަލްއަޤްވާމީގެ ސަމާލުކަމަށް ގެނައުމަށާއި އެކަމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް މަޖިލީހުގެ ކޮމިޓީން ރިވިއުކުރުމަށް ހުށައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖްގެ ކުއްލި ބައްދަލުވުމުގައެވެ. މީގެ އިތުރުން ރަށްތައް ގިރަމުންދާ މައްސަލަތަކާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ހާޒިރުކުރުމަށްވެސް ވަނީ އެބައްދަލުވުމަށް މެމްބަރުން ވަނީ ހުށައަޅުއްވާފައެވެ. މިހާރު ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީ މޫސުމީ ވޮޑިގިރުމާއި ޚިލާފަށް ދިމާވެފައިވާ މައްސަލައަކަށް ވާތީ އެކަމާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި އެކު މަސައްކަތްކޮށް ރިޕޯޓެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެ ރަށްތައް ގިރަމުންދާ މައްސަލައިގެ ހާލަތު އެނގެންޖެހޭކަން ފާހަގަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ރަށްތައް ގިރުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އިންސާނުންގެ އަމަލުތަކުން ދިމާވާ ކަންކަމާއި ގުދުރަތީ ސަބަބުތައްވެސް ހިމެނޭނެކަމަށެވެ. ނަޝީދު ވިދާޅުވީ ރަށްގިރުން ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔަނަމަވެސް މާގިނައިން މިފަދަ މައްސަލަތައް ދިމާވާ ސަބަބު ދެނެގަންނަން ޖެހޭކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫއުތައް ހުއްޓާލުމަކުން އެކަމަށް ހައްލެއް ލިބިގެން ހިނގައިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

" ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލުމުން ކިހިނެއް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނުވަތަ މިހާރު ގިރާފައިވާ ތަންތަން ހިމާޔަތްކުރުމަށް ފައިސާ ހޯދާނީ. ސަރުކާރުން މިހާރުވެސް އެބަހުރި ރަށް ގިރާ މިންވަރު ހޯދާފައ."ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުޤައްރިރު އަޙްމަދު ޞަލީމް ވިދާޅުވީ ކޮމިޓީގެ މެމްބަރު ފާހަގަކުރެއްވި ކަންތައްތަ ހިމަނއިގެން ރަށްގިރުން އިތުރުވާ މައްސަލައިގެ ޚާއްސަ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާނެ ކަމަށެވެ.

"ރިޕޯޓް ހުށައެޅުމުން މަޖިލީހުން ނިންމަވާ ގޮތަކަށް ކުރިއަށް ދިޔުމަށް ގަސްދުކުރަނީ. ކޮމިޓީގެ މެމްބަރުން ކޮންފްލިކްޓްއޮފް އިންޓްރެސްޓް ހިމާނޭ ކަމަކަށް ވޯޓެއް ނުދޭނެ." އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރު އަޙްމަދު ޞަލީމް ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދެއްކެވި މެމްބަރުން ވަނީ ރަށްގިރުން އިތުރުވަމުންދާ މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެކަމަށް ދޭ ސަމާލުކަން ކުޑަކަން ފާހަގަކުރައްވާފައެވެ. އަދި ރަށްތައް މާބޮޑަށް ހަލާކު ނުވަނީސް ރަށްތައް ހިމާޔާތް ކުރަން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ބައެއް މެމްބަރު ވަނީ މިހާރު ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލުމަށްވެސް ގޮވާލާފައެވެ.

ރައްޔިތުން މަޖީލީހުންގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި މިވަނީ ރާއްޖޭގެ ބައެއް ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.