ވިޔަފާރި

މޯލްޑިވިއަންއިން ފުނަދޫއަށް ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފި


މޯލްޑިވިއަންއިން ށ ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަންއިން ށ. ފުނަދޫ އަށް ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. މޯލްޑިވިއަންއިން މާލެ – ފުނަދޫއާއި ދެމެދު ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާއިރު، ތިން އަގެއްގައި ދަތުރުކުރެވޭނެއެވެ. އެއީ ނޯމަލް ފެއަރގެ ދަށުން ދެކޮޅު ޓިކެޓް 2026 ރުފިޔާއަށް އަދި 1908 ރުފިޔާގެ އިތުރުން ލޮވެސްޓް ފެއަރ 1610 ރުފިޔާއަށެވެ. އެކޮޅު ޓިކެޓުގެ އަގުތަކަށް ބަލާއިރު، ނޯމަލް ފެއަރގެ އަގަކީ 1113 ރުފިޔާ އަދި 954 ރުފިޔާގެ އިތުރުން އެންމެ އަގު ހެޔޮ ފެއަރއަކީ 805 ރުފިޔާއެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް ފޮނަދޫއަށް އޮޕަރޭޓްކުރާނީ ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

އެމްޓީސީސީން ތަރައްގީކޮށްފައިވާ ފުނަދޫ އެއާޕޯޓް އަޅާފައިވަނީ މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓް އަޅާފައިވަނީ އެރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން ބިން ހިއްކައިގެންނެވެ.

މި އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މި ރަށުގައި ހަދާފައިވަނީ ދިގުމިނުގައި 1200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭ އެކެވެ. މީގެ އިތުރުން 90 މީޓަރުގެ ޓެކްސީ ވޭއަކާއި 50 މީޓަރުގެ އޭޕްރަންއެއްވެސް ވަނީ ހަދާފައެވެ.