ވިޔަފާރި

ރާއްޖެ އަންނަން ތިބި ދެހާހަށްވުރެ ގިނަ ފަތުރުވެރިން ބުކިން ކެންސަލްކޮށްފި


ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް ދެހާހަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ބައެއް ފަތުރުވެރިން ބުކިން ކެންސަލްކުރަމުންއަންނަކަމަށެވެ. އެގޮތުން މިއަދާއި ހަމައަށް 2083 ބުކިން ކެންސަލްކޮށްފައިވާއިރު، މީގެތެރެއިން ގިނައީ ޗައިނާގެ ފަތުރުވެރިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޗައިނާގެ 1468 ފަތުރުވެރިން ބުކިން ކެންސަލްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާ މިންވަރު ކުޑަވާނެ ގޮތްތައް ސަރުކާރުން އަންނަނީ ބަލަމުންނެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން "ތަރމަލް ކެމެރާ" ބޭނުންކޮށްގެން ސްކްރީން ކުރަން ވަނީ ފަށާފައެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ ޢަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމްތައްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.