ސިއްހަތު

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފަރުދީ ޒިންމާވެސް މުހިންމު - މިނިސްޓަރ


ކޮރޯނާ ވައިރަސް ހުރި މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން އަދި މިބަލި ނުފެނުނު ނަމަވެސް ބަލި ފެނިއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭ ހުރިހާކަމަކަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި މި ވައިރަސް ފެނިއްޖެ ހާލަތެއްގައި ބޭނުންވާނެ މާސްކުފަދަ ތަކެތި ހޯދުމުގެ މަސައްކަތްވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމްކޮށް އެތަން ފުރިހަމައަށް ތައްޔާރުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އައިސޮލޭޝަންގައި 14 ދުވަހު ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިކަމުގައި އަމަލުކުރަމުންދަނީ ރާއްޖޭގެ ހުރިހާ ސިއްޚީ ހިދުމަތްދޭ ތަންތަނާއި، ފަރާތްތަކަކީ މިކަމުގެ މައުލޫމާތުތައް ރަނގަޅަށް އެނގި އެކަށީގެންވާ ފަރުވާދެވޭނެ ގޮތަކަށް އެތަންތަނުގެ މަސައްކަތްވެސް ބައްޓަންކުރުމަށްކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިއްޚީ މަރުކަޒުތަކާއި، ހޮސްޕިޓަލުތައްވެސް މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވެ ފެތުރިދާނެފަދަ ހާލަތެއްގައި ރާއްޖެއަށް ބޭނުންވާ ވަރަށް މާސްކާއި، އެނޫންވެސް ސާމާނުތައް ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާކަންވެސް މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ސަރުކާރުންވެސް މިކަމުގައި އަމަލުކުރަމުންދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުން ޑަބްލިއުއެޗްއޯގެ އިރުޝާދާއި ލަފާގެ މަތީންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ޑަބްލިއުއެޗްއޯގެ އިރުޝާދާއެކު މިހާރުވެސް އެޅުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިކަމާ ގުޅިގެން ކޮންމެ ރައްޔިތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.