ޚަބަރު

ވުހާން ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިންޑިއާގައި ވަރުގަދަކޮށްފި


ދުނިޔޭގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޮނާވައިރަސްގެ ނުރައްކާތެރި ބާވަތެއްކަމަށްވާ ވުހާން ވައިރަސް ފެތުރުން ހުއްޓުވުމަށް އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ވުހާން ވައިރަސް ޖެހިފައިވާކަމަށް ބެލެވޭ ހަ މީހުން އިންޑިއާއިން މިހާތަނަށް ފެނިފައިވެއެވެ. މީގެ ތެރެއިން ފަސް މީހުންނަށް ބުބަނޭސްވަރު ނަމަކަށް ކިޔާ ރަށެއްގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ. އިންޑިއާގެ ރާޖަސްތާނުގައިވެސް ވުހާން ވައިރަސްޖެހިފައިވާ މީހަކު ފެނިފައިވާކަމަށް ބެލެވެއެވެ. އޭނާއަކީ ޗައިނާއިން ޑޮކްޓަރުކަން ކިޔަވައިގެން ދާދިފަހުން އިންޑިއާއަށް ދިޔަ ދަރިވަރެކެވެ.

އިންޑިއާއާއި ޗައިނާއިންވަނީ ވުހާން ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ހުބައި ޕްރޮވިންސްގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ޗައިނާގެ ހުބައި ޕްރޮވިންސްގައި އިންޑިއާގެ ދުވިސައްތަ ފަންސާސް މީހުން އެބަތިއްބެވެ.

ދިހަ ޤައުމަކުން މިހާތަނަށް ފެނިފައިވާ ވުހާން ވައިރަސް ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ސްރީލަންކާއާއި ނޭޕާލުންވެސްވަނީ ފެނިފައެވެ. އެގޮތުން، ހުބައި ޕްރޮވިންސުން ސްރީލަންކާއަށް ދާދިފަހުން އެތެރެވެފައިވާ ޗައިނާގެ 43 އަހަރުގެ އަންހެނެއްގެ ގައިން ވުހާން ވައިރަސް ފެނިފައިވެއެވެ. ނޭޕާލުންވެސް ވުހާން ވައިރަސް ޖެހިފައިވާ މީހެއް ފެނިފައިވެއެވެ.

މިހާތަނަށް 4،500އަށްވުރެ ގިނަ މީހުންނަށް ވުހާން ވައިރަސް ޖެހި، މަރުވި މީހުންގެ ޢަދަދުވަނީ 106އަށް އަރައިފައެވެ.