މިއަދު ހުރަވީ ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ދޮންބަންޑާރައިންގެ ދަރިކޮޅަށް ނުވަތަ ހުރަވީ ޚާންދާނަށް ނިސްބަތްވެވަޑައިގެނަނަވާ ދެބޭފުޅަކު އެބަތިއްބެވިއެވެ.
މަޝްހޫރު ތާރީޚު ލިއުންތެރިޔާ މުޙައްމަދު ޝާޠިރު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ވަނީ އެކަން ދިރާސާކުރައްވައި ހާމަކުރައްވާފައެވެ. އެގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަކީ ދޮންބަންޑާރައިންގެ ދަރިކޮޅަށް ނުވަތަ ހުރަވީ ޚާންދާނަށް ނިސްބަތްވެވަޑައިގެނަނަވާ ދެބޭފުޅުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މިއަދު ދިވެހި ސިޔާސީ މަސްރަޙުގައި އައުދާނަ ދިވެހި ސަރުކާރުގެ ފުރަދާނަ ހުރަވީ ދެ ބޭފުޅުން.. ފޮރިން މިނިސްޓަރ ( ވެލާނާ މަނިކުފާނު ) އޮނަރަބްލް ޢަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރ ( ދޮށިމޭނާ ކަމަނާފާނު ) އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ.." ޝާޠިރުގެ ސްޓޭޓަސްގައި ވެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަކީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ އައްސުލްޠާނު މުޙައްމަދު މުޢިއްޒިއްދީނުގެ އަލްއަމީރާ ޢާއިޝަތު ރަންނަބަނޑޭރި ކިލެގެފާނުގެ އަލްއަމީރު ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު (ބޮޑުވަޒީރު / ސަރުކާރުގެ އިސްވެރިޔާ)ގެ އަލްއަމީރު ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު ( ބޮޑުވަޒީރު / ސަރުކާރުގެ އިސްވެރިޔާ)ގެ ފާޠިމަތު ދީދީގެ އައްޝައިޚް މޫސާ ޖަމީލް ދީދީގެ ޢަބްދުﷲ ޝާހިދެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ އައްސުލްޠާނު މުޙައްމަދު މުޢިއްޒިއްދީނުގެ އަލްއަމީރާ ޢާއިޝަތު ރަންނަބަނޑޭރި ކިލެގެފާނުގެ އަލްއަމީރު ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު (ބޮޑުވަޒީރު / ސަރުކާރުގެ އިސްވެރިޔާ)ގެ ދޮށީ ދީދީގެ އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު (ރަސްކަމުގެ މަޖިލިސް / ވަލީ ކޮމިޓީގެ ރައީސް 1940ގައި)ގެ އައްނަބީލު އަޙްމަދު ދީދީގެ މާރިޔާ އަޙްމަދު ދީދީއެވެ.
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ހުރަވީދުވަހެވެ.
ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ ތިންވަނަދުވަހު އެވެ. މި ދުވަސް ނިސްބަތްވަނީ ހުރާ ދޮން ޙަސަންމަނިކުފާން (ދޮން ބަންޑާރައިން)އަށެވެ. އެއީ ހިޖުރީ ގޮތުން 1166 ވަނަ އަހަރު ގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވިހާދިސާ އަށެވެ. އެހާދިސާ ހިނގީ ރޭގަނޑެއްގައި ކަމަށް ތާރީޚީ ފޮތްތަކުގައި ވެއެވެ.
ހުރާ ދޮން ހަސަންމަނިކުފާނު (ދޮންބަންޑާރައިން) ގެ ކޮލީ ނަންފުޅަކީ، އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނެވެ.
ދޮންބަންޑާރައިންގެ ޖިހާދުގެ ޙާދިސާއަށް ބަލާއިރު، ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ، މާލޭގައި ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށުގަނޑުވަރުގައެވެ. ހިޖުރައިން 1166ވަނަ އަހަރުގެ ޖުމާދަލް އާޚިރާމަހުގެ ތިނެއްވީ ރޭ މެންދަމު ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވިއެވެ. މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާޚިލާފު މޮޅުރޭވުންތެރި ކަމަކާއި ހިތްވަރެކެވެ. ޙިކުމަތްތެރިކަމާއި ސާބިތު ކަމެކެވެ. މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށް ވުރެވެސް ކުޑަ މުއްދަތަކުކަމަށް ތާރީޚީ ބައެއް ފޮތްތަކުގައި ވެއެވެ.
ދޮންބަންޑާރައިންގެ ޖިހާދަށްފަހުވެސް އެމަނިކުފާނުގެ ސިޔާސީ ހަރުދަނާ މަސައްކަތް ޕުޅުތަކެއް ތާރީޚުން ފެންނަން އެބައޮތެވެ. އޭގެތެރެއިން އެ ދުވަސްވަރު، ދޭތެރެދޭތެރެއިން ރާއްޖެއާ ތޮޅެމުންދިޔަ ހޮޅީންގެ އުނދަގުލުން ރާއްޖެ ދިފާޢުކުރުމަށްޓަކައި ފަރަންސޭސި ވިލާތުގެ ސިފައިންގެ އެހީތެރިކަން ހޯއްދަވާފައި ވެއެވެ. މިއީ އެ ބަންޑާރައިންގެ ހަރުދަނާ ޚާރިޖީ ސިޔާސަތު ދައްކައިދޭ ތާރީޚީ ހެއްކެކެވެ. މީގެ އިތުރުން ވެސް ދޮންބަންޑާރައިން ވަނީ އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކުރައްވާފަ އެވެ. އޭގެތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އަދިއަސްކަރީ ޚިދުމަތްތައް ފާހަގަ ކޮށްލެވެ އެވެ.
ދޮންބަންޑާރައިންނަށްފަހު އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްވާ ބައެއް ބޭބޭފުޅުންވެސް ރަސްކަން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ބޭފުޅުންނަކީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ އައްސުލްޠާނު މުޙަައްމަދު ޝަމްސުއްދީނު (2) ، އަދި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން، ޣިޔާޘުއްދީނު ރަދުންނެވެ.
ދޮންބަންޑާރައިންނަކީ ވަރަށް އަޚުލާޤު ރަނގަޅު ހިތްޕުޅު ހެޔޮ ރައްޔިތުންނަށް ކަމޭހިއްތެވި ވެރިއެއްކަން ތާރިޚުން އެނގެން އެބައޮތެވެ. އެގޮތުން އެމަނިކުފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މީގެ އެއްމިސާލެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރައްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނެވެ. އެހެންނަމަވެސް ހޮޅީންވަނީ އެ ރަދުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުންރާއްޖެއިން ގެންގޮސްފަ އެވެ. ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރި އެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެ މަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވި އެވެ. މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރައްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގަ އެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.