ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގައި މެމޮގްރަފީ ބެހެއްޓުމުގެ މަސައްކަތް ވޭވް ލެންތާ ޙަވާލުކޮށްފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެމޮގްރަފީ ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމާއި، ބެޑް ސައިޑް ކާޓަންސް ހަރުކުރުމުގެ މަސައްކަތް 467,517.24 އަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރީ 45 ދުވަސް ތެރޭގައި މަސައްކަތް ފުރިހަމަކޮށް ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ތެރެއިން މެމޮގްރަފީ ރޫމްގައި ހަރުކުރަން ޖެހޭ ލެޑް ޝީޓްތައް ހަރުކުރުމާއި، ސީލިންގ ގެ މަސައްކަތާއި، ޕާޓިޝަން ޖެހުމާއި، އޭސީ ކުރުމުގެ އިތުރުން ސީޓީ ރޫމް ހަލާކުވެފައިވާ ތަޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަހްމަދު ދާއޫދު ވިދާޅުވީ މި މަސައްކަތް ނިމުމުން ވޯޑްތަކުގައިވާ އެނދުތައް ކާޓަން ދަމާ ވަކި ކޮށްލެވޭނެކަމަށެވެ. މިއީ ރައްޔިތުންގެ ފަރާތުން ގިނައިން އަންނަ ރިކްއެސްޓެއްކަމަށް މެނޭޖަރ ފާހަގަކުރެއްވިއެވެ. އަދި ޕްރޮޖެކްޓް ނިމުމުން އުރަމަތީގެ ކެންސަރަށް ސްކޭން ކުރުމުގެ ޚިދުމަތް ފެށިގެން ދާނެކަމަށްވެސް އަހްމަދު ދާއޫދު ހާމަކުރިއެވެ.

މިހާރުވެސް ވޭވް ލެންތްގެ ފަރާތުން ދަނީ 1.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ލޭބާރ ރޫމް އަކާއި، ސީއެސްއެސްޑީ ރޫމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލޭބަރ ރޫމްގެ މަސައްކަތް މިހާރު ވަނީ 90 އިންސައްތަ ނިމިފައެވެ. އަދި ޕާރފެކްޓް މަލަފެހި މޯލްޑިވްސްގެ ފަރާތުން 2.2 މިލިއަންރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ހޮސްޕިޓަލުގައި ކުރަން ހުރި މަރާމާތުތައް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއީ މިހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކެވެ. މިއީ މާލޭން އުތުރުގައި އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ އެއް ހޮސްޕިޓަލެވެ.