ޚަބަރު

އިންތިޚާބުތަކާއި ދިމާކޮށް ޖޭޕީން ރައްޔިތުންގެ ލޮލުގައި އަދުން ނާޅުވާނެ - ޤާސިމް


ޖުމްހޫރީ ޕާޓީން އިންތިޚާބުތަކަށް ރައްޔިތުންގެ ލޮލުގައި އަދުންއަޅުވައި ދޮގުވާހަކަތަކެއް ނުދައްކާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު މެމްބަރުން އެޕާޓީއަށް ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ކޮންމެ ޕާޓީއަކުންވެސް މަސައްކަތް ކުރަނީ އިންތިޚާބު ކާމިޔާބު ވާން އޮތް ކޮންމެ ގޮތަކަށް މަސައްކަތް ކޮށްގެންވެސް އިންތިޚާބު ކާމިޔާބްކުރުމަށްކަމަށެވެ. އަދި ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ދޮގުވައުދުތައް ވުމަށްފަހު އިންތިޚާބް ވުމުން މިއިންކަމެއްގެ މަތިން ހަނދާންނެތޭކަމީ މިއަދު ރައްޔިތުން ކޮށްފައިވާ ތަޖުރިބާއެއްކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެއްވެސް އިންތިޚާބެއްގައި ނުކުރެވޭ ވަރުގެ ވައުދުތަކެއް ނުވާނެކަމަށެވެ. މިހާތަނަށްވެސް ޖުމްހޫރީ ޕާޓީން ވެފައިވާ ވައުދެއްނަމަ އެކަމެއް ފުއްދާފައިވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"ކޮންމެ މީހަކު ވެސް ވެރިކަމަށް އައިސްފައި މި ފެންނަނީ ހެއްދެވިހާ ދޮގު ހަދަމުން ދާތަން. ވަރަށް މާފުކުރައްވާ، ޚިޔާނާތްތެރިވަމުންދާ ތަން. އަބަދުވެސް ރީތި ދައްކަވާ ކޮންމެ ބޭފުޅަކު ވެސް، އާދެ އަޅުގަނޑު ހައިރާނެއް ނުވޭ. އަޅުގަނޑުމެން ބޭނުންނުވޭ އެގޮތަށް ރައްޔިތުންނަށް އޮޅުވާލަކަށް. އަޅުގަނޑުމެންގެ މާޒީއާއި ބަލައިލުމުން ރައްޔިތުންނަށް އެކަން ހާމަވާނެ." ޤާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވަމު ޤާސިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވަކި ޕާޓީއެއްގެ ވަކި ބޭފުޅެއްގެ އެއްޗެއްކަމަށް ވިދާޅު ނުވެވޭނެކަމަށެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިން ޖުމްހޫރީ ޕާޓީންވެސް ކުރަމުންދާއިރު އެޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޖޭޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.