ވިޔަފާރި

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އަލަށް އެކުލަވާލި އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާއިފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުގެ އައު ދެލިކޮޕީއެއް އެކުލަވާލާފައިވާއިރު، މިއީ 14 ބާބުގެ މައްޗަށް އެކުލެވޭ ޤަވާއިދެކެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދެއް މިދިޔަ ޑިސެމްބަރުމަހުވެސް މީރާއިން ގެޒެޓްކުރިއެވެ. ނަމަވެސް އެއީ 1 ޖެނުއަރީގައި އިންކަމް ޓެކްސް ޤާނޫނަށް އަމަލުކުރަންޖެހޭތީ އެވަގުތަށް ކޮންމެހެން ބޭނުންވާ ކަންކަން ހިމަނައިގެން އެކުލަވާލި ޤަވާއިދެއްކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ އަލަށް އެކުލަވާލި ޤަވާއިދަކީ ފުރިހަމަ ޤަވާއިދެއްކަމަށާއި، އެޤަވާއިދުގައި އާމްދަނީން ޓެކްސް ނެގޭނެ މިންގަނޑުތަކާއި ހާލަތްތަކާއި އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓްރީކުރުމަށް ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން އުޖޫރައިން ޓެކްސް ނެގޭ މިންވަރާއި އާމްދަނީން ނަގާ އިތުރު ޓެކްސްތަކުގެ ތަފްސީލީ މަޢުލޫމާތުވެސް ޤަވާއިދުގައި ހިމަނާފައިވާކަމަށް މީރާއިން ބުނެއެވެ.

މި ޤަވާއިދަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މީރާގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ޚިޔާލު ހުށައެޅޭނެއެވެ. ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 5 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ކުރިއަށް އޮތްތާނގައި މިޤާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ގަވާއިދުތައް އެކުލަވާލުމަށްފަހު އެ ގަވާއިދުތައްވެސް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެކަމަށެވެ.