ވިޔަފާރި

އިސްލާމިކް ފައިނޭންސްއަށް ހޭލުންތެރިވެފައިވާ މިންވަރު ދެނަގަތުމަށް ދިރާސާއެއް ފަށައިފި


އިސްލާމިކް ފައިނޭންސަށް ދިވެހިން ހޭލުންތެރިވެފައިވާ މިންވަރު ދެނަގަތުމަށް ދިރާސާއެއް ފަށައިފިއެވެ.

މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަރނެންސް އިންސްޓިޓިއުޓް، އެމް.ސީ.ޑީ.ޖީ.އައިއިން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ މި ދިރާސާއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދިރާސާއެކެވެ.

އެމް.ސީ.ޑީ.ޖީ.އައި ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދިރާސާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ އެކްޓިންގ ސީއީއޯ ފާތިމަތް އަބްދުﷲ ކަމާލުއްދީންއެވެ.

މި ރަސްމިއްޔާތުގައި ސީއެމްޑިއޭގެ އިތުރުން ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އިސްލާމިކް ޔުނިވަރސިޓީ، މިނިސްޓްރީ އޮފް ފިނޭންސް އަދި ވިމެން އޮން ބޯޑް ހިމެނޭހެން 18 އިދާރާއެއްގެ އިސް ބޭފުޅުން ވަނީ މި ދިރާސާގައި ބައިވެރިވެފައިވެއެވެ.

"ދިވެހިންނަށް އިސްލާމިކް އިޤްތިސާދެއް" މި ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ ރާއްޖޭގެ އާބާދީ އިސްލާމިކް ފައިނޭންސަށް އަހުލުވެރިވެފައިވާ މިންވަރު ދެނެގަނެ އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއި މިދާއިރާއިން އިތުރު ޕްރޮޑަކްޓްސްތައް ނެރުމަށްޓަކައި މިދާއިރާގެ ތަޖުރިބާކާރުންނާއި އާންމުންގެ ޚިޔާލުހޯދުމަށް ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ދިރާސާއެކެވެ.

މި ދިރާސާގައި ރާއްޖޭގެ ފައިނޭންސް ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި ބޭންކް އަދި އަމިއްލަ ފަރުދުންންނަށް ބައިވެރިވެވޭނެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމް.ސީ.ޑީ.ޖީ.އައިގެ ޗެއަރޕާސަން އަދި އެސޯސިއޭޓް ޕްރޮފެސަރ ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވޭނީ މިކަމަށް ދިވެހިން އަހުލުވެރިވެފައިވާ މިންވަރާއި އިސްލާމިކް ފައިނޭންސްއަށް އޮތް ޑިމާންޑަށް ބެލުމަށް ފަހުކަމަށެވެ.

މުނީޒާ ވިދާޅުވީ އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށްޓަކައި ސަރުކާރާއި ގުޅިގެން ޤައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ކުރިއަށްދިއުމަށް މިފަދަ ދިރާސާއެއް ވަރަށް މުހިއްމުކަމަށާއި މީގެ ސަބަބުން މިދާއިރާ ކުރިއެރުވުމަށް ޕޮލިސީ ލެވެލްގައި ކުރެވޭނެ ކަންތައްތައް އެނގިގެންދާނެކަމަށް މުނީޒާ ވިދާޅުވިއެވެ.

"މިފަދަ އިނީޝިއޭޓިވް އެއް މިހާތަނަށް ނެގިފައެއް ނެތް. ރާއްޖެއަށް އިސްލާމިކް ފައިނޭންސް ތަޢާރަފްވެފައި އޮންނަތާ އެތައް އަހަރެއް ވެފައިވާއިރުވެސް މިދާއިރާއަށް އަހުލުވެރިވެފައިވަނީ ކިހާވަރަކަށްތޯ މިހާތަނަށް ވެސް ބެލިފައެއް ނެތް. އަދި އިސްލާމިކް ފައިނޭންސަށް އޮތް ޑިމާންޑަކީ ކޮބައިތޯ ވެސް ބެލިފައެއް ނެތް. އެހެންވީމަ، އަޅުގަނޑުމެންގެ އިންސްޓިއުޓްއިން މި ކުރަނީ ވަރަށް މުހިއްމުކަމެއް." މުނީޒާ ވިދާޅުވިއެވެ.

މި ސާވޭ ކުރިއަށްދާނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. އެމް.ސީ.ޑީ.ޖީ.އައިއިން ބުނީ މި މުއްދަތުގެ ތެރޭގައި އެ އިންސްޓިޓިއުޓްގެ އޭޖެންޓުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް މި ދިރާސާ ކުރިއަށްގެންދާނެކަމަށެވެ. އަދި ދިރާސާ ނިންމާލުމަށް ފަހު ދިރާސާގެ މައްޗަށް ތަފްސީލީ ރިޕޯޓެއް އެކުލަވާލާއި ސަރުކާރާއި ބޭންކުތައް އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް މި ރިޕޯޓު އަރުވާނޭކަމަށްވެސް އެމް.ސީ.ޑީ.ޖީ.އައިއިން ބުނެއެވެ.