ޚަބަރު

ކޮރޯނާ ވައިރަސްގައި މިހާތަނަށް 80 މީހުން މަރުވެއްޖެ - ޑަބްލިއުއެޗްއޯ


ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްގައި މިހާތަނަށް 80 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން ހާމަކޮށްފައިވާއިރު ހޯމަ ދުވަހުގެ ނިޔަލަށް މަރުވި މީހުންގެ ނިސްބަތް ސަތޭކަ ހަޔަކަށް އަރާފައިވާ ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތުން ހާމަކުރެއެވެ. އަދި ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ނިސްބަތް މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ ކަމަށް ޗައިނާގެ ސިއްޙަތާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިވައިރަސްގެ އަސަރު ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް ވައިރަސްގެ އަސަރު އެންމެ ބޮޑަށް އަދިވެސް އޮތީ ޗައިނާގައެވެ. އެގޮތުން މިހާތަނަށް މިބަލި ބޮޑުވެފައިވާ 461 މީހަކު ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާއިރު، މިއީ ކޮންޤައުމެއްގެ ބައެއްކަމެއް ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައެއް ނުވެއެވެ. ޑަބްލިޔުއެޗްއޯއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކޮރޯނާ ވައިރަސްގެ ސަބަބުން މިހާތަނަށް 80 މީހުންވަނީ މަރުވެފައެވެ. މުޅި ދުނިޔެއިން ދެހާސް ހަތްސަތޭކަ ނުވަދިހަ އަށް މީހަކަށް މިވައިރަސްގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވާއިރު މީގެތެރެއިން ދެހާސް ހަތްސަތޭކަ ސާޅީސް އެއް ކޭސް ރިޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ.

ޗައިނާގެ އިތުރުން ކޮރޯނާ ވައިރަސް ފެނިފައިވާ ޤައުމުތަކަށް ބަލާއިރު ހޮންކޮންގއިން 8 މީހަކުވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. ޓައިޕޭއިން 5 މީހަކު، ތައިލެންޑުން 5 މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެފައިވެއެވެ. މީގެއިތުރުން މަކާއޯ އާއި ޖަޕާނާއި ސިންގަޕޯރާއި އޮސްޓްރޭލިއާ އާއި މެލޭޝިއާ މިއިން ކޮންމެ ޤައުމަކުން މި ވައިރަސްއަށް 4 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިޕަބްލިކް އޮފް ކޮރެއާއިން 3 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު ފްރާންސުންވެސް މިބައްޔަށް މިހާތަނަށް 3 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. ވިއެޓްނާމާއި އެމެރިކާއާ މިއިން ކޮންމެ ޤައުމަކުންވެސް ކޮރޯނާވައިރަސްއަށް 2 މީހުން ޕޮޒިޓިވްވެފައިވާއިރު ނޭޕާލުން އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

ޗައިނާގެ ކަމާބެހޭ އިދާރާތަކުންވެސް އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު މިހާތަނަށް މިބަލީގެ ސަބަބުން ހަތަރުހާސް ފަސްސަތޭކަ ފަނަރަ މީހަކަށް ނިއުމޯނިޔާ ޖެހިފައިވާކަމަށް ޗައިނާގެ ސިއްޙަތާއި ބެހޭ އިދާރާއިން ހާމަކުރެއެވެ. އަދި މިހާތަނަށް ކޮރޯނާ ވައިރަސްގެ ސަބަބުން ސަތޭކަ ހަ މީހަކު މަރުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ހޯމަ ދުވަހު 500 އަށް ވުރެ ގިނަ މީހުން މިބަލީގެ ސަބަބުން ސީރިއަސް ޙާލަތަކަށް ގޮސްފައިވާއިރު ފަރުވާއަށް ފަހު މިހާތަނަށް 69 މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސްވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާތަނަށް ޗައިނާއިން އަންނަ ފަތުރުވެރިނަށް ދޭ އޮންއެރައިވަލް ވިސާ ދިނުން ގިނަ ޤައުމުތަކުންވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި އެއަރޕޯޓުތަކުގައި ތާމަލް ކެމެރާ ބަހައްޓައިގެން ޤައުމުތަކުން އަންނަނީ ބަލި ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. ކޮރޯނާ ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވާ ހުރިހާ މީހުންނަކީވެސް ޗައިނާގެ ވުހާން ސިޓީއަށް ދަތުރުކޮށްފައިވާ، ނުވަތަ އެސިޓީއަށް ގޮސްފައިވާ މީހަކާއި ދިމާވުމުގެ ސަބަބުން ވައިރަސް އަރާފައިވާމީހުންނެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި ރާއްޖެއިން ނުފެނުނުނަމަވެސް މިވައިރަސް މުޅި ދުނިޔޭގައި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވަނީ ހާމަކޮށްފައެވެ. ކޮރޯނާ ވައިރަސްއާ ދެކޮޅަށް ރާއްޖޭގައިވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖޭގައި ކޮރޯނާވައިރަސްއާއި ގުޅޭގޮތުން މަޢުލޫމާތު ޢާއްމުކުރަމުން އަންނަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ގައިޑްލައިންތަކާއެކުކަމަށާއި ބަލި ޖެހިފައިވާ މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ޙާލަތެއްގައި އެކަން ސިއްރުނުކޮށް ޢާއްމުނަށް އަންގާނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީންވަނީ ދެއްވާފައެވެ.