ކޮރޯނާ ވައިރަހާ ގުޅިގެން ދިވެހި ސަރުކާރުން އަޅުއްވަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެބަޔަކު ތިބި އެޤައުމެއްގެ އެމްބަސީގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެންނަމުންދާ ޤައުމުތައް އިތުރުވަމުންދާއިރު އެޤައުމުތަކުގައި ތިބި ދިވެހިން ދެނެގަތުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަމަށެވެ. ޢާއްމުގޮތެއްގައިވެސް ބޭރަށް ފުރާއިރު ފޮރިން މިނިސްޓްރީގައި ނުވަތަ ދަތުރުކުރާ ޤައުމެއްގެ އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން އެދެނީ މިފަދަ ކަމެއް ދިމާވާ ޙާލަތްތަކުގައި ދިވެހިންގެ ޙާލުބެލުމަށާއި އެހީ ފޯރުކޮށް ދިނުމަށް އެންމެ އަވަސްގޮތެއްގައި މަސައްކަތްކުރުމަށްކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވއެވެ.
އެހެންކަމުން މިދުވަސްކޮޅު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓަރވުމަށް އެމިނިސްޓްރީން އިލްތިމާސްކުރެއެވެ.
ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ ޤައުމުތަކުން ކޮރޯނާ ވައިރަސް ފެންނަމުންދާތީ މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން މެލޭޝިއާ ތައިލެންޑު ސްރީ ލަންކާ އަދި ޖަޕާނު ފަދަ ޤައުމުތަކުން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން އެޤައުމުގެ ޢާއްމުން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށްވެސް ފޮރިންގ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ދަތުރުކުރުމުގައި ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި ވައިރަސްގެ އަޕްޑޭޓުތަކާއި ޚަބަރުތައް މެދުވެރިކޮށް ބެލުމަށް ފޮރިންގ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް މިހާރު ދުނިޔޭގެ އެހެން ޤައުމުތަކަށް ފެތުރެމުން ދާއިރު މިއީ ފަރުވާ ހޯދިފައިނުވާ ވައިރަސްއެކެވެ. މިބަލިން ރައްކާތެރިވުމަށް މާސްކު އެޅުމަށާއި ގިނަގިނައި އަތްދޮވުމަށް އިސްކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.