ކުޅިވަރު

ސަޕޯޓަރުން ދަނޑަށް ނުވަންނާތީވެ ގާޑިއޯލާ ކަންބޮޑުވެއްޖެ


އިނގިރޭސި އެފްއޭކަޕުގެ މެޗުތައް ބަލަން މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ދަނޑަށް ނުވަންނާތީވެ ކޯޗު ޕެޕް ގާޑިއޯލާ ކަންބޮޑުވެއްޖެ އެވެ.

ފުލަމް އަތުން ރޭ 4-0އިން ސިޓީ މޮޅުވި މެޗު ބަލަން އިއްތިހާދު ސްޓޭޑިއަމަށް ވަނީ 39223 މީހުންނެވެ. މިއީ އެފްއޭކަޕުގައި މި ހަފުތާގެ މެޗުތަކަށް ބަލާއިރު ތިން ވަނަ އަށް އެންމެ ގިނަ އަދަދެވެ. ސިޓީގެ ދަނޑަށް 55000 މީހުންނަށް ވަދެވޭނެ އެވެ.

"މިއަދު ދަނޑު ނުފުރޭ. އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް މީހުން މި މެޗުތައް ނުބަލަނީ. އަހަރެން އުއްމީދު ކުރަނީ ދެން އަންނަ މެޗުގައި ސްޓޭޑިއަމްފުލްވާނެ ކަމަށް. ޖެހިޖެހިގެން ތިން ވަނަ ސީޒަނެއްގައި ވެންބްލީ ސްޓޭޑިއަމަށް މުބާރާތުގެ ފައިނަލް ކުޅެން ދިއުމަކީ ވަރަށް އުފާވެރިކަމަކަށްވާނެ،" އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ކޯޗު ބުންޏެވެ.

ރޭގެ މެޗުތަކުގެ ޓިކެޓްވެސް ވަނީ އަގުހެޔޮކޮށްފަ އެވެ. ބޮޑު މީހަކަށް 20 ޕައުންޑާއި 35 ޕައުންޑާ ދެމެދުގެ އަގަކަށް ޓިކެޓް ލިބޭއިރު ކުޑަކުދިންނަށް 1 ޕައުންޑާއި 20 ޕައުންޑާ ދެމެދުގެ އަގެއްގައި ޓިކެޓް ވިއްކަން ހުއްޓެވެ. ގާޑިއޯލާ ބުނީ ކޮންމެ މެޗަކީ ވެސް ވަރަށް މުހިންމު މެޗުތަކެއް ކަމަށާއި އޭނާއަށް ކޮންމެ މުބާރާތެއްގެ މެޗެއް ވެސް މުހިންމު ކަމަށެވެ.

"ސަޕޯޓަރުން ދަނޑަށް ދާން ބޭނުމިއްޔާ ދަނޑަށްދާނެ. އަހަރެންނަކަށް ނޭނގެ ކީއްވެކަމެއް ނުދަނީ. މީގައއި ކޮންމެވެސް ސަބަބުތަކެއްވާނެ،" ލީގު ޝެޑިއުލްގައި ގާތްގާތުގައި މެޗުތައް ކުޅޭތީވެ ތަޖުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ސިޓީގެ ކޯޗު ބުންޏެވެ.