ޚަބަރު

މަގުތައް ޒަމާނީ ފެންވަރަށް ހަދާއިރު 21 ސަރަހައްދެއްގައި ޕާކިންގ ބިލްޑިންގ އަޅަނީ!


މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޕާކް ކުރުމަށްޓަކައި އެކާވީސް ސަރަޙައްދެއްގައި ޕާކިންގ ބިލްޑިންގ އެޅުމަށް ކަނޑައަޅާފައިވާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއްޖެ. ސިޓީ ކައުންސިލުން މިކަން ހާމަކުރައްވާފައިވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މާލެއަށް އެތެރެކުރާ ވެހިކަލްތަކުގެ މިންވަރާ އަޅާބަލާއިރު އެކަށީގެންވާ މިންވަރަށް ޕާކްކުރާނެ ޖާގައެއް މިހާތަނަށް ހަދާފައެއް ނެތެވެ. އަދި މިކަމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް މިމައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ޕާކިންއަށް ޚާއްސަ ސަރަޙައްދުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޕާކިން ބިލްޑިން ތަކާއި ޕާކިން ޒޯންތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ މަގުތައް ތަރައްޤީކޮށް ނިމޭއިރު 121 މަގުގެ %30ގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން މިތަންތަނުގައި 3700 ސައިކަލާއި 350 ކާރު ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދަޅުވެއެވެ. މީގެ އިތުރުން ޕިކަޕް ލޮރީ ފަދަ 100 އުޅަނދަށް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އިތުރަށް 23 ސަރަހައްދެއްގައި ޕާކް ކުރެވޭނެގޮތް ކަނޑައެޅޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިއާއެކު 12800 ސައިކަލަށާއި 1000 ކާރަށް އެތަންތަނުގައި ޕާކްކުރެވޭނެއެވެ. މީގެ އިތުރުން 400 ލޮރީ ޕިކަޕާއި 115 ބަހާއި އެމްބިއުލާންސް އަދި ހެވީ ވެހިކަލްގެ 65 ވެހިކަލަށް މިތަންތަނުގައި ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވަނީ މާލޭގައި ޕާކިން ބިލްޑިންތައް ޢިމާރާތްކުރުމަށްވެސް ނިންމާފައެވެ. މިގޮތުން މި ބިލްޑިންތަކާއެކު 3775 ސައިކަލާއި 2065 ކާރު އަދި 100 ލޮރީ ޕިކަޕް ޕާކްކުރެވޭނެކަމަށް ބެލެވެއެވެ. ސިޓީ ކައުންސިލުން މީގެ ކުރިން ވިދާޅުވެފައިވަނީ މާލޭގައި ހުރި 4 ސަހަރާ ހުސްކުރުމަށްފަހު އެތަންތަނުގައި ޕާކިންގ ބިލްޑިންގތައް ހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މާލެއަކީ ތޮއްޖެހުން ކުޑަތަނަކަށް ހަދާ ހިއްފަސޭހަތަނަކަށް ހެދުމަށްކަމަށެވެ.

މާލޭގައި މިހާރުވެސް ވަނީ ޕަކް ކުރެވޭނެ ސަރަހައްދުތައް ހަދާފައެވެ. މިގޮތުން މިހާރު ހުރި 22 ސަރަޙައްދެއްގައި 3760 ސައިކަލާއި 150 ކާރު އަދި 25 ލޮރީ ޕާކް ކުރެވެއެވެ. މިހާރު ހަދަމުންދާ ތަންތަނާއި ހަދާފައިވާ ޕާކިން ޒޯންތަކުގެ ސަބަބުން މާލޭގެ ބައެއް ބޮޑެތި މަގުތަކަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލައަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ ލިބިފައެވެ.