ވިޔަފާރި

ބީއެމްއެލްއިން 10 ސްކޫލެއްގެ ސެން ކްލާހަކަށް އެހީތެރިކަން ފޯރުކޮށްދީފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކުލާހަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފިއެވެ.

ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ.އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ސެން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ.

ބީއެމްއެލްއިން ބުނީ ސެން ކުލާސްތަކުގައި ކުދިންނަށް ކިޔަވައިދޭން އެކަށީގެންވާ ވަސީލަތްތައް މަދުވުމަކީ އެފަދަ ކްލާސްތަކަށް ދިމާވެފައިވާ ބޮޑު ދަތިކަމެއްކަމަށެވެ. އަދި މި އެހީއާއެކު 300 އެއްގާ ކުދިންނަށް ކިޔަވައިދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކުން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ބީއެމްއެލްއިން ވަނީ މިމަހު ގާފާރު ސްކޫލުގައި ވެސް ސެން ކުލާހެއް ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފާއިތުވެދިޔަ އަހަރުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 140 އަށް ވުރެ ގިނަ ޙަރަކާތްތަކެއް ބޭންކުން ވަނީ ކުރިއަށްގެންގޮސްފައެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 'މޮޓޮރައިޒްޑް-ވީލްޗެއަރ' ހަދިޔާކުރުމާއި، ކުޅިވަރުގެ ހުނަރު ތަރައްޤީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ޙަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން ހިންގި ޕްރޮޖެކްޓްތައް ހިމެނެއެވެ.

ބީއެމްއެލްއިން ވަނީ 'ކޮމިއުނިޓީ ފަންޑު'ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.