ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު


މަނީލޯންޑަރިންގެ ކުށްސާބިތުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ޙުކުމްގެ އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނަށް ތާވަލު ކޮށްފިއެވެ.

ހައިކޯޓުން މަޢުލޫމާތު ދިންގޮތުގައި ރައީސް ޔާމިން މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ ހެނދުނު 11.15ގައެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމައްސަލަ އިސްތިއުނާފަށް ހުށައެޅިއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީނު ޖަލުބަންދުން ދޫކޮށްދެއްވުމަށް ވަނީ އެދިފައެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ ރައީސް ޔާމީނު ޖަލަށްލުމަށް އަމުރުކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުގައެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.