އޯރކާ މީޑިއާ ގްރޫޕޫން ކުރިއަށްގެންދާ ގޯލްޑް 100 އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރުންނަށް އޭސް ޓްރެވެލްސް މޯލްޑިވްސް އަދި އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި އޭސް ޓްރެވެލް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ކަންޓްރީ މެނޭޖަރ ރޯޝަން މަޑުރާވަލާ އެވެ. އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރ އިސްމާޢިލް ޝަރީފު އެވެ. އަދި ގޯލްޑް 100 އެވޯޑް އިންތިޒާމްކުރާ އޯރކާ މީޑިއާގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.
އޭސް ޓްރެވެލްސް މޯލްޑިވްސްއަކީ ރާއްޖޭގެ ޓްރެވެލް އޭޖެންޓެއްގެ ގޮތުގައި 2002 ވަނަ އަހަރުން ފެށިގެން ޙަރަކާތްތެރިވަމުންދާ ކުންފުންޏެކެވެ. އަދި އަލް ޝާލީ މެރިން މޯލްޑިވްސްއަކީ އަލްޝާލީ މެރިން ދުބާއީ އަދި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއި ގުޅިގެން ރާއްޖޭގައި ހިންގަމުންދާ ކުންފުޏްޏެކެވެ. މިއީ އޮޑިދޯނިފަހަރާއި ލޯންޗުފަހަރު ފަދަ އުޅަނދުތައް އުފެއްދުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
އޯރކާ މިޑިއާ ގްރޫޕުން ކޮންމެ އަހަރަކު ވެސް ބާއްވާ ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ޙަރަކާތެކެވެ.
މިއަހަރުގެ މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ 3000 ފަރާތުން ބައިވެރިވެ، 150 އެގްޒިބިޓަރުން އެކްސްޕޯއަށް ޒިޔާރަތްކުރާނެކަމަށް އޯރކާ މީޑިއާއިން ބުނެއެވެ.
ބިޒްނަސް އެކްސްޕޯ އޮންނާނީ މިމަހުގެ 23 އިން 24 ގެ ނިޔަލަށެވެ. ބިޒްނަސް އެކްސްޕޯއާއި ވިދިގެން ފެބްރުއަރީ 25 ގައި ގޯލްޑް 100 ގާލާ އޮންނާނެ އެވެ. ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ އެވޯޑެކެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން މިހާރު ވަނީ "ނެކްސްޓް 100" އެވޯޑްވެސް ލޯންޗްކޮށްފައެވެ. ގޯލްޑް 100 އެވޯޑާއި ޙިލާފަށް ނެކްސްޓް 100 އެވޯޑަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ތަޢާރަފްކުރި އެވޯޑެކެވެ.