ވިޔަފާރި

ރަށްރަށުގެ ވެބްސައިޓްތައް ނިމި، މިހާރު ކުރިއަށްދަނީ އަޕްޑޭޓްކުރުމުގެ މަސައްކަތް - މަލީހް


ރާއްޖޭގެ ރަށްތަކުގެ މަޢުލޫމާތުތައް ޢާއްމުކޮށް ފެންނާނެގޮތަށް ތައްޔާރުކުރި ވެބްސައިޓްތަކުގެ މަސައްކަތް ނިމި، މިހާރު ކުރިޔަށް ދަނީ ކައުންސިލްތަކުން އެވެބްސައިޓްތަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތްކަމަށް މިނިސްޓަރ އޮފް ކޮމިނިއުކޭޝަންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރަށްތައް އިޝްތިހާރުކުރުމުގެ ގޮތުން ކޮންމެ ރަށަކަށް ވެބްސައިޓެއް ހަދާ، އައިލެންޑްސް.އެމްވީއަށް އަޕްލޯޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން އޮފް ކޮމިނިއުކޭޝަންސް އެންޑް ޓެކްނޮލޮޖީއަށް މެންޑޭޓްކޮށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ ވަކިވަކި ރަށްތަކުގެ ވެބްސައިޓްތައް މިނިސްޓްރީން ހަދާ ނިންމުމަށްފަހު ކައުންސިލްތަކަށް މައުލޫމަތާއި ފޮޓޯ އަޕްލޯޑުކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ. މަލީހު ވިދާޅުވީ މިވެބްސައިޓުތަކުގެ ޒަރިއްޔާއިން ލޯކަލް ނުވަތަ ޑޮމެސްޓިކް ޓުއަރިޒަމް، އިންޓަރގްރޭޑަޓް ޓުއަރިޒަމް، ގެސްޓް ހައުސް ޓުއަރިޒަމް ކުރިއަރުވަން މަގުފަހި ވެގެންދާނެކަމަށެވެ.

"ކައުންސިލްތަކުން އަޅުގަނޑުމެންނަށް ވަރަށް ރަގަނޅަށް އެހީތެރިކަން ފޯރުކޮށްދޭ. އެބޭފުޅުންގެ ރިސޯސް ހުރި ގޮތުންނާއި، ހިއުމަން ރިސޯސްގެ ދަތިކަމުން ބައެއް ގޮންޖެހުންތައް އެބަހުރި، ބައެއް ރަށުގެ ފޮޓޯތަކާއި މައުލޫމާތު ހޯދުމުގައި ދަތިތަކެއް އެބަހުރި. ހުރިހާ ރަށެއްގެ އެންމެ ފަހުގެ މައުލޫމާތު މިވެބްސައިޓަށް އައުމަކީ މުހިންމުކަމެއް ހާއްސަ ގޮތެއްގައި ލޯކަލް ނުވަތަ ޑޮމެސްޓިކް ޓުއަރިޒަމް، އިންޓަރގްރޭޑަޓް ޓުއަރިޒަމް، ގެސްޓް ހައުސް ޓުއަރިޒަމަށް އަމާޒުކުރެވިގެން ކުރިޔަށްދާ ރަށްތަކުގެ ހުރިހާ މައުލޫމާތެއް ފުރިހަމަ ވެގެން ދިއުން ވަނީ ރަށަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވާނެ ކަމަކަށް."

މަލީހު ވިދާޅުވީ މިހާތަނަށް ރަށްތަކުގެ ވެބްސައިޓްތަކުގެ ތެރެއިން 23 ވެބްސައިޓެއްގެ މައުލޫމާތުތައް ރަށްތަކުން އަޕްލޯޑްކޮށްފައިވާކަމަށެވެ. އަދި ހުރިހާ ރަށެއްގެ ވެބްސައިޓްތައް ނިމުމުން މިނިސްޓްރީގެ ވިސްނުން ހުރީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މެންޑޭޓް އޮންނަ ޓުއަރިޒަމް މިނިސްޓްރީ ނޫނީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އައިލެންޑް.އެމްވީ ޕޯޓަލް ހަވާލުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެހިސާބުން ބޭރުގެ އެކިއެކި ފެއަރތަކުގައި މިވެބްސައިޓް އިޝްތިހާރުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ވެބްސައިޓް ހިމަނައިގެން ތައްޔާރުކުރާ "އައިލެންޑްސް އެމްވީ' ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ލޯންވުކޮށްދެއްވީ މިދިޔަ އަހަރުގެ މާރޗުމަހުއެވެ. މިޕޯޓަލްއަކީ ރާއްޖޭގެ ރަށްތަކުގެ ތާރީހާ، ސަޤާފަތާ، އާދަކާދަތައް ދައްކުވައިދީ، ފަތުރުވެރިންނަށްވެސް މައުލޫމާތު ލިބޭނެހެން ޤާއިމްކުރި ޕޯޓަލްއެކެވެ.