ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެނަމަ، ވަކިން ބައިތިއްބައިގެން ފަރުވާދެވޭނެ ތަނެއްގެ ގޮތުގައި މާލެ ކައިރީ ފުނަދޫ ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޗައިނާއިން ފުރަތަމަ ފެތުރެންފެށި ކޮރޯނާ ވައިރަސް އެކި ޤައުމުތަކަށް ފެތުރެމުން އަންނަ ކަމުގެ މަޢުލޫމާތު އަންނަނީ ލިބެމުންނެވެ. އަދި ރާއްޖެއަކީވެސް ފަތުރުވެރިންގެ ގޮތުގައިއާއި އަދި އެކި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ޗައިނާ ރައްޔިތުން އަންނަ ޤައުމެކެވެ. މި ބަލި ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ސަރުކާރުންވަނީ ބަލި ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން ހެލްތު މިނިސްޓްރީއިން މިހާރުވަނީ މި ބަލީގެ ޖެހިފައިވާ މީހެއް ނުވެތަ، ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ވަކިން ބައިތިއްބައިގެން ފަރުވާދިނުމަށް ހުޅުމާލޭގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. އަދި މިކަމަށް ބޭނުންވާ މީހުން ތަމްރީން ކުރަމުންދާކަމަށް މިނިސްޓްރީއިން ބުނެއެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިއީ ނުރައްކާތެރި ބައްޔެއްކަމުން، މި ބަލި ފެނިއްޖެ ޙާލަތެއްގައި އެހެންމީހުންނާއި ދުރުގައި ކަރަންޓީންކޮށްގެން ފަރުވާދެވޭނެ ގޮތް ހެދުމާއި ހެދުމާއިމެދުވެސް ގޮތެއް ނިންމާފައިވާކަމަށެވެ.
"މިއީ ނުރައްކާތެރި ބައްޔެއް. ސަރުކާރުން މިހާރު ނިންމާފައިވަނީ މި ބަލި ރާއްޖެއިން ފެނިއްޖެނަމަ މާލެ ކުރިމަތިން އޮތް ފުނަދުއަކީ ބަލި ޖެހުނު މީހާ އެހެން މީހުންނާއި ދުރުގައި(އައިސޮލޭޝަން)ގައި ބަހައްޓައިގެން ފަރުވާދޭނެ ތާކަށް ހެދުމަށް." އަމީން ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވަނީ އެއަރޕޯޓްތަކާއި ޕޯޓްތަކުގައި ތަރމަލް ކެމެރާ ހަރުކޮށްގެން ބަލީގެ އަލާމަތްތައް ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިބަލީގެ ޢަލާމާތެއް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.