ވިޔަފާރި

އަންހެނުންނަށް ޚާއްސަކޮށްގެން ބޭއްވި ވެބް ޑިވެލޮޕްކުރަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމާލައިފި


ވެބް ޑިވެލޮޕްކުރުމުގެ ދާއިރާގައި ކުރިޔަށްދާން ބޭނުންވާ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ޖަންގޯ ގާލްސް މާލެ" ވޯކްޝޮޕް ނިންމާލައިފިއެވެ.

މި ވޯކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ ހޮލޭންޑުގެ އޯގަނައިޒޭޝަނެއް ކަމަށްވާ ޖަންގޯ ގާލްސްއާއި، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެންނެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިމެން އިން ޓެކް މޯލްޑިވްސް ގެ ކޯ ފައުންޑަރ، އައިޝަތު އަދުނާނު ބުނީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދައުރު ފެންނަނީ ވަރަށް ކުޑަކޮށްކަމަށެވެ. އެހެން ނަމަވެސް މި ޕްރޮގުރާމުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ، އަންހެނުންގެ ދައުރު ޑިޒިޝަން މޭކިންގ ލެވެލްގައި އިތުރުކޮށް، ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގައި ޒުވާން އަންހެނުންގެ ދައުރު މުސްތަގުބަލުގައި ފެންނާނެކަމުގެ ޔަގީންކަން މި ޕްރޮގުރާމުގެ ސަބަބުން ލިބިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވޯކްޝޮޕް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ދިރާގުގެ މެނޭޖަރ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ އަންހެނުން ބާރުވެރިކުރުން އަދި ވަކިން ހާއްސަކޮށް ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމެއްކަމަށެވެ. އަދި ޖެންގޯ ގަރލްސްއާއި ގަރލްސް ޓު ކޯޑް ފަދަ ޕްރޮގުރާމްތަކަށް ދިރާގުން ސަޕޯޓް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ގިނަ އަންހެން ކުދިން މި ދާއިރާއަށް ނެރުންކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 28 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކޮށް ބާރުވެރިކުރުވުމެވެ.

"ޖެންގޯ ގާރލްސް މާލެ" ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކް ބޭނުންކޮށްގެން ބައިވެރިންނަށްވަނީ ވެބްސައިޓް ހަދަންވީ ގޮތް ދަސްކޮށްދީފައެވެ. މި ވޯރކްޝޮޕްގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ވިމެން އިންޓެކް މޯލްޑިވްސްއިން 2019 ވަނަ އަހަރު ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ 12 ބައިވެރިންނެވެ. މި ވޯކްޝޮޕް ޚާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.

ހޮލެންޑުގެ ޖަންގޯ ގާލްސް ޖަމުޢިއްޔާއަކީ ޕޮލޭންޑްގެ ދެ އަންހެނަކު ވެގެން ވުޖޫދަށް ގެނެސްފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގެ މަޤްސަދުތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކާ އަންހެނުންނަށް ޓެކްނޮލޮޖީގެ ދާއިރާއާގުޅޭ ތަމްރީން ފޯރުކޮށްދިނުން ހިމެނެއެވެ.