ޚަބަރު

ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާނެ ސިއްޙީ ޚިދުމަތްތެރިން ތައްޔާރު ކުރަނީ


ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ޚާއްސަ ފިޔަވަޅުތަކާއިއެކު ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާނެ ސިއްޙީ ޚިދުމަތްތެރިން ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ އެ މަސައްކަތްތައް ކުރިޔަށްދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމާ ގުޅޭ ހުރިހާ ފަރާތެއްގެ ބައިވެރިވުމާއެކުގައި ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވަނީ ކޮރޯނާ ވައިރަސް ކުއްލިއަކަށް ފެތުރެން މެދުވެރިވެދާނެ ޙާލަތެއްގައި ބަލިޖެހިފައިވާ މީހުން އެކަހެރިކޮށް ބެލެހެއްޓޭނެ ޚާއްސަ މަރުކަޒެއް ޤާއިމުކުރުމަށް ކަމަށެވެ.

އެގޮތުން މިހާރު ހުޅުމާލޭގައި އިމާރާތްކޮށް ނިމި ނުހުޅުވައި ހުރި ޕްރީ ސްކޫލް ޢިމާރާތް ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށް ހަމަޖައްސާފައި ވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބަލި ކުއްލިއަކަށް އިތުރުވެއްޖެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން މާލެ ކައިރީން ފޮނަދޫ ވެސް މީހުން އެކަހެރިކޮށް ބައިތިއްބާ ރަށެއްގެ ގޮތުގައި ހަމަޖައްސާފައި ވާކަމަށެވެ. ނޫސްވެރިންނަށް މަޢުލުމާތުދެއްވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ މިހާރު އެރަށް ފުނަދޫވެސް ވަނީ ބޭނުން ކުރެވޭނެ ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށެވެ. މީގެ އިތުރުން މިއީ ނުރައްކާތެރި ބައްޔަކަށްވެފައި ބަލި ފެތުރިގެން ހިނގައިދާނެ ހާލަތެެއްގައި ސިއްޙީ ގޮތުން ޢާއްމުނަށް ޚިދުމަތްކުރާނެ ސިއްޙީ ޚިދުމަތްތެރިން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަކަމަށެވެ.

މިބައްޔަކީ އެއްވެސް ވެކްސިންއެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ ބައްޔަކަށްވުމުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިބަލިން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ރާއްޖެއިންވެސް ކުރަމުން އަންނަކަމަށެވެ. މިބަލިން ރައްކާތެރިވުމަށް ބަލި ފެނިފައިވާ ހުރިހާ ސަރަޙައްދެއްގައިވެސް ބޭނުންކުރަމުން އަންނަނީ ފޭސް މާސްކެވެ. އެގޮތުން ރާއްޖެއަށް މިވަގުތު ބޭނުންވާ ވަރަށް މާސްކު އެސްޓީއޯގައި އެބަހުރިކަމަށާއި މިހަފްތާގެ ބުދަ ދުވަހު އިތުރު 4 ލައްކަ މާސްކު އެސްޓީއޯއިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން މުޅި ދުނިޔެވެސް އޮތީ ނާޒުކު ޙާލަތެއްގައިކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ޙާލަތުގައި ރައްކާތެރިވުމުގެ ގޮތުން އެޅެންހުރ ފިޔަވަޅުތައް އެޅުމަށް އެމިނިސްޓްރީން އިލްތިމާސް ކުރެއެވެ. މި ވައިރަހާއި ގުޅިގެން ޗައިނާގެ ބައެއް ސިޓީތައް ބަންދުކޮށްފައި ވާއިރު އެފަދަ ޙާލަތަކަށް އެހެން ޤައުމުތައް އަދި ނުދާކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.