ދީން

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ "އޯގާވެރި ދަޢުވަތު" މިފަހަރު ފ އަތޮޅުގައި


ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ "އޯގާވެރި ދަޢުވަތު" ފ އަތޮޅުގައި ފަށައިފިއެވެ.

"އޯގާވެރި ދަޢުވަތު" މި ކެމްޕޭނަކީ ރައްޔިތުންނަށް ދީނާއި ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށް ދިނުމަށާއި، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ދީނީ އިޚްތިލާފްތަކުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީ އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން ފަށާފައިވާ ކެމްޕޭނެކެވެ.

މި ކެމްޕޭންގެ ހަރަކާތްތައް ފ. އަތޮޅުގައި މިހާރު ފަށާފައިވާއިރު، މި ހަރަކާތް މިއަންނަ ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅުގެ 4 ރަށެއްގައި ކެމްޕޭން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިމަހުގެ 25 އިން 27 ފ. ނިލަންދޫގައި، އަދި 28 އިން 30 އަށް ފ. ފީއަލީގައި މި ހަރަކާތް ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަންނަމަހުގެ 1 އިން 3 އަކަށް ފ. މަގޫދޫގައި އަދި 4 އިން 6 އަކަށް އެއަތޮޅު ބިލެތްދޫގައި މިކެމްޕޭންގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޢާއްމުންނަށާއި، ގްރޭޑް 7ން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ ތެރެއިން، ގޭގެއަށްގޮސް ދީނީ ނަސޭޙަތް ދިނުމާއި، ދަރިވަރުންނަށް ދީނީ ނަސޭޙަތް ދިނުން އަދި ޢާއްމުންނަށް ދީނީ ނަސޭހަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"އޯގާވެރި ދަޢުވަތު" ކެމްޕޭންގެ ދަށުން މިމަހުގެ 12 އިން 17 އަށް ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ ދީނީ ނަސޭހަތް ދީފައެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު މާފުށީ ޖަލާއި، ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ދީނީ ނަޞޭޙަތްދީފައި ވާއިރު، ޖެނުއަރީ 24ން ފެށިގެން ފެބްރުއަރީ 8 ގެ ނިޔަލަށް ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.