ޗައިނާގައި ފެތުރެމުންދާ ކްރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ފަތުރުވެރިންނަށް ކުރިއަށްގެންދާ ދަތުރުތައް މެދުކަނޑާލަން އެޤައުމުގެ ސަރުކާރުން އަންގައިފިއެވެ.
ޗައިނާގެ ޓުއަރ އޮޕަރޭޓަރުން ކުރިއަށްގެންދާ ޓުއަރތައް މެދުކަނޑާލަން އަންގާފައިވާއިރު، ފަތުރުވެރިން ގެނައުމަށް އިތުރަށް ޓުއަރ ޕެކޭޖްތައް ނުވިއްކުމަށްވެސް ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމްއިން ވަނީ ޓްރެވަލް އެޖެންސީތަކަށް އަންގާފައެވެ.
ޓުއަރ ޕެކޭޖްތައް ނުވިއްކުމަށް ޓްރެވަލް އެޖެންސީތަކަށް އަންގާފައިވާއިރު، މިއީ ޗައިނާގެ އާ އަހަރު ފާހަގަކުރާ ދުވަސްވަރަށްވުމުން، މިދުވަސްވަރު ޗައިނާގެ އެކި ސަރަޙައްދުތަކާއި ޗައިނާއިން ބޭރަށް ދަތުރުތައް ރާވާފައިވާ ޗައިނާގެ އެތައް މިލިއަން ބަޔަކަށް އޭގެ އަސަރުކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ޓްރެވަލް އެޖެންސީތަކަށްވެސް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.
ޗައިނާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޗައިނާ ރައްޔިތުންނަކީ ފަތުރުވެރިންގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ޤައުމުން ބޭރަށް ދަތުރުކުރާ މީހުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ޗައިނާ ރައްޔިތުން ވަނީ ޤައުމުން ބޭރަށް ކުރި ދަތުރުތަކުގައި 130 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި ޤައުމުން ބޭރަށް ދަތުރުކުރާ ޗައިނާގެ ރައްޔިތުންގެ ތެރެއިން 55 އިންސައްތަ ރައްޔިތުންނަކީ ޓްރެވަލް ޕެކޭޖްތައް ނަގައިގެން ދަތުރުކުރާ ބަޔަކަށްވާއިރު، ޓްރެވަލް އެޖެންސީތަކުން ދަތުރުތައް ވިއްކުން ހުއްޓާލަން އެންގުމަކީ އެޖެންސީތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަމެކެވެ.
ޓްރެވަލް އެޖެންސީތަކުގެ އިތުރުން ޗައިނާގެ ބައެއް އެއަރލައިންތަކަށްވެސް ކްރޯނާ ވައިރަސްގެ ސަބަބުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުމާ ކުރިމަތިލާން ވަނީ ޖެހިފައެވެ. މީގެތެރެއިންވެސް ހަމައެކަނި ޗައިނާގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އެއަރލައިންތަކަށް ކުރާނެ އަސަރު މާބޮޑުވާނޭކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަދި ޗައިނާ ރައްޔިތުންނަކީ ބޭރު ޤައުމުތަކަށް ގޮސް ގިނަ އަދަދެއްގެ ފައިސާ ވިޔަފާރިކުރުމަށް ޚަރަދުކުރާ ބަޔަކަށްވާއިރު، ޗައިނާ ރައްޔިތުން ބޭރަށް ދަތުރުކުރުމުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ބައެއް ވިޔަފާރިތަކަށްވެސް އަސަރުކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.