ވިޔަފާރި

ކަސްޓަމްސްގެ 2 ޚިދުމަތެއް އޮންލައިންކޮށް ދޭ ގޮތަށް ހަމަޖައްސައިފި


ކަސްޓަމްސްއިން މިހާރު ފޯރުކޮށްދެމުންދާ 2 ޚިދުމަތެއް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކަސްޓަމްސްއިން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއެވެ.

ކަސްޓަމްސްއިން އަލަށް އޮންލައިން ކޮށްފައިވަނީ 'އޮންލައިން އޮފްޝޯރ އެޕްލިކޭޝަން' ބަލައިގަތުމާއި 'އިމްޕޯޓަރ އެކްސްޕޯޓަރ އޮންލައިން ރެޖިސްޓްރޭޝަން'އެވެ.

ކަސްޓަމްސްއިން ބުނީ މި ޚިދުމަތްތައް ކުރިން ފޯރުކޮށްދީފައިވަނީ ކަސްޓަމްސް އޮފީހަށް ގޮސްގެންކަމަށެވެ. އެހެންނަމަވެސް މި ޚިދުމަތްތައް އޮންލައިންކުރުމާއެކު ކަސްޓަމްސް މެދުވެރިކޮށް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި ނަގަންޖެހޭ ހުއްދަތަކާއި ފުރަންޖެހޭ ފޯމްތައް ހުށަހެޅުމުގައި އަވަސް ވެގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކަސްޓަމްސްގެ މަސައްކަތްތައް ފުޅާވެ، ޒިންމާތައް އިތުރުވެފައިވާކަމަށެވެ. މި ޒިންމާތަކާއެކު ވެސް ރާއްޖެއަށް އެތެރެ ކުރެވޭ މުދަލާއި ބޭރުކުރެވޭ މުދާ ބަލާ ފާސްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

"ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ޚާއްސަކޮށް މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގައި ކަސްޓަމްސްގެ ދައުރު ބޮޑު. ރާއްޖެ ހިމެނޭ އިންޑިޔާ ކަނޑުގެ ސަލަމާތާއި ރައްކާތެރި ކަމަށް ތަފާތު ގޮން ޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅުގައި، ރެއާއި ދުވާލު މި މަސައްކަތުގައި އުޅޭ ފަރާތްތަކަށް ޝުކުރު ދަންނަވަން." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްއިން ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އޮފިސަރުންނަށް ދުނިޔޭގެ ކަސްޓަމްސްގެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ދެއްވާ ޚާއްސަ ސެޓްފިކެޓްވެސް ވަނީ ހަވާލުކޮށްފައިވެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ ޝިއާރަކީ 'މީހުންނާއި ދުނިޔޭގެ ފާގަތިކަން ދަމަހައްޓައިދޭ ފަރާތެއްގެ ގޮތުގައި ކަސްޓަމްސް'، މި ޝިއާރެވެ. މިއީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ. މި ޖަމިއްޔާގެ މެމްބަރު ޤައުމުގެ ގޮތުގައި ރާއްޖެ ހިމެނޭހެން 183 ޤައުމަކުން ހަރަކާތްތެރިވެއެވެ.