ޚަބަރު

ޕީޖީ އޮފީހުން ފާހަގަކުރެއްވި މަރުގެ 3 މައްސަލައިގެ ގިނަ ކަންކަން ވަނީ ތަހުޤީޤުކޮށްފައި - ފަރީޝާ


ޑރ.އަފްރާޝީމް ޢަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވާ އެކަން ކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް، ޕީޖީ އޮފީހުން ފާހަގަކުރައްވާފައިވާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮމިޝަންގެ މެމްބަރު އަދި ޤާނޫނީ ވަކީލް ފަރީޝާ ޢަބްދުﷲ ވިދާޅުވީ ކޮމިޝަނުން ތަޙްޤީޤުކޮށް ދައުވާކުރަން ފޮނުވި 3 މައްސަލާގައި ޕީޖީ އޮފީހުން ފާހަގަކުރެއްވި ކަންކަން ހިމަނައި ރިޕޯޓް ފުރިހަމަ ކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމަށެވެ. މިމަސައްކަތުގެ ބޮޑުބައި މިހާރުނިމި 3 މައްސަލާގައިވެސް ދައުވާކުރުމަށް ވަރަށް އަވަހަށް ފޮނުވާނެކަމަށް ފަރީޝާ ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙްޤީޤު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޑރ.އަފްރާޝީމް ޢަލީ އާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވައި އެކަންކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށެވެ.

މިމައްސަލަތަކުގައި ކޮމިޝަނުން ދަޢުވާކުރުމަށް އެދިފައިވަނީ މުޙައްމަދު މަޒީދާއި، ސާމިތު މުޙައްމަދުގެ މައްޗަށެވެ. އަދި ޑރ.އަފްރާޝީމްގެ މަރުގެ ތަހްގީގަށް ދޮގު މަޢުލޫމާތުދީ ތަހްޤީޤަށް ހުރަސް އެޅުއްވިކަމުގެ ތުހްމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައިވެއެވެ.

ޤާނޫނީ ގޮތުން މިމައްސަލަތަކުގެ ތަޙްޤީޤުގަށް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި މަރު ކޮމިޝަނުން ފޮނުވި މައްސަލަތައް އަބުރާ ފޮނުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުއެވެ.