ކުޅިވަރު

ޕީއެސްޖީގެ ފޯވާޑް ކަވާނީ ގަންނަން މަސައްކަތެއް ނުކުރަން: ލަމްޕާޑް


ޗެލްސީން ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ ގަންނަން މަސައްކަތް ނުކުރާކަމަށް ކޯޗު ފްރާންކް ލަމްޕާޑް ބުނެފިއެވެ.

ޖެނުއަރީ ޓްރާންސްފަރގައި ފޯވާޑެއް ހޯދަން ޗެލްސީން މަސައްކަތްކުރަމުން އަންނަކަމަށް އަޑު ފެތުރިފައިވާއިރު، މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އެޓީމުން މިހާރު މަޝްވަރާކުރަމުން އަންނަނީ ޕީއެސްޖީގެ ކަވާނީ ހޯދުމަށެވެ. ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފައި ހުރި ފޯވާޑް ހޯދުމަށް ޗެލްސީގެ އިތުރުން އެތްލެޓިކޯ މެޑްރިޑުންވެސްވަނީ މަސައްކަތްފަށާފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ފްރެންކް ލަމްޕާޑް ބުނީ ކަވާނީ ހޯދުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށާއި، އެކަހަލަކަމެއް ހިނގާނަމަ އެވާހަކަ ނޫސްވެރިންނާއި ހިއްސާކުރާނެކަމަށެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ކަވާނީ ނުލިބިއްޖެނަމަ ޗެލްސީން ބޭނުންވަނީ ލިޔޯންގެ ފޯވާޑް މޫސާ ޑެމްބެލޭއެވެ. އެކަމަކު ޑެމްބެލޭ ހުރީ ލިޔޯން ދޫކޮށްލާކަހަލަ ވިސްނުމެއްގައެއް ނޫނެއެވެ.

ޒުވާން ފޯވަޑް ޓެމީ އަބްރަހަމްއަށް ހުރިހާ މެޗެއްގައި އެއްފެންވަރެއްގައި ނުކުޅެވޭތީ ކޯޗު ލަމްޕާޑް ބޭނުންވަނީ ތަޖުރިބާކާރު ފޯވާޑެއްކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ. ޗެލްސީން ފޯވާޑެއް ހޯދަން މަސައްކަތްފަށާފައިވާއިރު، ޓީމުން ފުރުސަތު ގެއްލިފައިހުރި އޮލިވިއޭ ޖިރޫ ހޯދުމަށް އިންޓަރ މިލާނުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހަފްތާއެއްގެ ތެރޭގައި ފިނި މޫސުމުގެ ޓްރާންސްފަރ ނިމޭއިރު، ޕްރިމިއަރ ލީގުގެ ޓީމްތަކުގެ ތެރެއިން ފޯވާޑެއް ހޯދުމަށް މަސައްކަތްކުރާ ކުލަބުތަކަކީ ޗެލްސީ، ޓޮޓްނަމް އަދި މެންޗެސްޓަރ ޔުނައިޓެޑްއެވެ.