ކުޅިވަރު

ރަފާ ބަލިކޮށް ޤައުމީ މުބާރާތުގެ ތަށި ދީމާ ދިފާއުކޮށްފި


ފައިނަލްގައި މިފަހަރުވެސް އައިޝަތު ރަފާ ނާޒިމް ބަލިކޮށް ފާތިމަތު ދީމާ އަލީ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

59 ޤައުމީ މުބާރާތުގެ ފައިނަލް މެޗު ދީމާ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ހަތަރު ގޭމުން ރަފާ ނާޒިމް ބަލިކޮށްގެންނެވެ. ފައިނަލް މެޗު ފަށައިގެން ފުރަތަމަ ސެޓު ލީޑް ކުރީ ރަފާއެވެ. ހަތަރު ޕޮއިންޓްގެ ލީޑަކާއިއެކު ކުޅުނު ސެޓު ދީމާ އަނބުރާލީ ރަފާ ހޯދި ފަސްވަނަ ޕޮއިންޓާއިއެކުއެވެ. އޭގެ ފަހުން ފަހަތުން އަރާ ތިން ޕޮއިންޓްގެ ލީޑެއް ހޯދައި ދީމާ ސެޓު ހޯދީ 07-11އިންނެވެ.

ދެވަނަ ސެޓު ފަށައިގެން ލީޑް ކުރީ ދީމާއެވެ. މިގޮތުން މި ސެޓުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައި އޭނާ ލީޑް ދެމެހެއްޓިއެޗެ. ފުރަތަމަ ސެޓެކޭ އެއް ގޮތަށް މި ސެޓުވެސް ދީމާ ކާމިޔާބުކުރީ 07-11އިންނެވެ. ތިންވަނަ ސެޓު ފަށައިގެން ރަފާ ދެ ޕޮއިންޓްގެ ލީޑެއް ނެގިއެވެ. އެހެންނަމަވެސް ހަތަރެއް ހަތަރަކުން ސްކޯރ އެއްވަރުކޮށް ހަތަރު ޕޮއިންޓްގެ ލީޑެއް ދީމާ ނެގިއެވެ. ފަހުވަގުތު 9-10އަށް ސްކޯރ އެއްވަރުކުރި ނަމަވެސް ޖެހިގެން އައި ޕޮއިންޓް ހޯދައި ދީމާ ޗެމްޕިއަންކަމާއި ގާތަށް ޖެހިލިއެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ރަފާއަށް ހިފަހައްޓާލެވުނީ 6ވަނަ ޕޮއިންޓާއި ހަމައަށެވެ. ދީމާގެ މޮޅު އެޓޭކްތަކާއިއެކު މި ސެޓު 06-11އިން ކާމިޔާބުކޮށް ދީމާ ޗެމްޕިއަންކަން ހޯދިއެވެ. މިއީ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދި ދެވަނަ ފަހަރެއެވެ. އެންމެ ފަހު މުބާރާތުގެ ޗެމްޕިއަންކަންވެސް ދީމާ ހޯދީ ފައިނަލްގައި ރަފާ ބަލިކޮށްގެންނެވެ. ރަފާވެސް ވަނީ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މީގެ ކުރިން ދެ ފަހަރު ހޯދާފައެވެ.