ޚަބަރު

ފަލަސްތީނުގެ މައްސަލަ ޙައްލުކުރެއްވުމަށް ޓްރަމްޕް ހަމައެކަނި އިސްރާއީލުގެ އިސްވެރިންނާ މަޝްވަރާކުރައްވަނީ


ފަލަސްޠީނުގެ މައްސަލަ ޙައްލުކުރެއްވުމުގެ ނަމުގައި އިސްރާއީލުގެ އިސްވެރިންނާ މަޝްވަރާކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްދަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ފަލަސްޠީނުގެ މައްސަލަ ޙައްލުކުރެއްވުމުގެ ނަމުގައި އަންނަ ހަފުތާގައި ވައިޓް ހައުސަށް ވަޑައިގަތުމުގެ ދަޢުވަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށާއި އޭނާގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒަށް ދެއްވާފައެވެ. އެދެބޭފުޅުންނަށް ދަޢުވަތު ދެއްވީ ޑީލް އޮފް ދަ ސެންޗަރީގެ ނަމުގައި ޓްރަމްޕްގެ ސަރުކާރުން އެކުލަވާލަފައިވާ ސުލްޙައިގެ މަޝްރޫޢާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.

ޑީލް އޮފް ދަ ސެންޗަރީއަކީ އދގެ ޤަރާރުތަކުންނާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުންނާއި އޮސްލޯ އެއްބަސްވުމުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ގެއްލޭގޮތަށް، ފަލަސްޠީނުގެ ބިންތަކުން ޔަހޫދީން ނުފައިބާގޮތަށް ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށް ޓްރަމްޕް އެކުލަވާލައްވާފައިޥާ މަޝްރޫއެކެވެ. ޑީލް އޮފް ދަ ސެންޗަރީގައި ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމާއި ފަލަސްޠީނުގެ ޙައްޤުތަކަށް އިސްރާއީލުން ބަލައިގަތުން ނުހިމެނޭތީ އެމަޝްރޫޢު ޤަބޫލުނުކުރުމަށް ފަލަސްޠީނުގެ ރައީސް މަހުމޫދު ޢައްބާސްވަނީ ނިންމަވާފައެވެ.

ޑީލް އޮފް ދަ ސެންޗަރީގެ ސިޔާސީ ބައިތައް އިޢުލާންކޮށްފައިނުވިނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު ބަޙްރައިންގައި ބޭއްވި މަހާސިންތާއެއްގައި އެމަޝްރޫޢުގެ އިޤްތިޞާދީ ބައިތައްވަނީ އިޢުލާންކޮށްފައެވެ. ފަލަސްތީނުންވަނީ އެމަޝްރޫޢުގެ އިޤްތިޞާދީ ބައިތައްވެސް ޤަބޫލުނުކުރުމަށް ނިންމައި ބަޙްރައިންގެ މަހާސިންތާއަށް ހާޒިރުވާން ދެކޮޅުހަދައިފައެވެ.

ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް 1993ވަނަ އަހަރު ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސޮއިކުރި އޮސްލޯ އެއްބަސްވުމުގެ ދަށުން ނަވާރަ އަހަރުވަންދެން ސިލްސިލާގޮތެއްގައި ދެފަރާތުން ވާހަކަ ދެއްކިނަމަވެސް އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ބިންތަކުން ފައިބައި އެބިންތަކުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމުގެ ފުރުޞަތު ދިނުމަށް އިސްރާއީލުން ދެކޮޅު ހެދުމުގެ ސަބަބުން 2014ވަނަ އަހަރުވަނީ ސުލްހައިގެ ވާހަކަތައް ހުއްޓިފައެވެ. އެއަށްފަހު ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ބައިނަލްއަޤުވާމީ ޤާނޫނާއި އދގެ ޤަރާރުތަކާ ޚިލާފަށް ފަލަސްޠީނުގެ މައްސަލާގައި އަމަލުކުރަމުންދާތީ ފަލަސްޠީނުންވަނީ އެމެރިކާއާ ވާހަކަނުދެއްކުމަށާއި އެމެރިކާއާ މުޢާމަލާތް ނުކުރުމަށް ނިންމާފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކާ ޚިލާފަށް އެމެރިކާއިންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިސްރާއީލުން ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ޤުދުސްގެ އިރުމަތީ ބަޔަކީ އިސްރާއީލުގެ ބިމެއްކަމަށް ނިންމައި ޤުދުސަށް އެމެރިކާގެ އެންބަސީ ބަދަލުކުރުމާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ދަޢުލެއް އުފެއްދުމަށް ދެކޮޅުހެދުން ހިމެނެއެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަކީވެސް އިސްރާއީލުގެ ބިންތަކެއްކަމަށް ޓްރަމްޕްގެ ސަރުކާރުން ގަބޫލުކުރުމުން އެމެރިކާވަނީ ފަލަސްޠީނުގެ މައްސަލާގައި ބައިނަލްއަޤުވާމީ މުޖްތަޢުގެ ހަމަތަކުން ބޭރުވެ އަމިއްލައަށް އެކެހެރިވެފައެވެ. ނަމަވެސް ފަލަސްޠީނުގެ އިތުރުން ޑީލް އޮފް ދަ ސެންޗަރީ ޤަބޫލުކުރާނެ ޢަރަބި އެހެން ގައުމެއްވެސް ނެތްކަމުގެ އިޙްސާސް ކުރެއްވޭތީ އެމަޝްރޫއުގެ ސިޔާސީ ބައި އިޢުލާން ކުރަން ޓްރަމްޕަށް ކެރިވަޑައިގެންފައެއް ނުވެއެވެ.

މިހުރިހާ ކަމަކާއެކު ފަލަސްޠީނުގެ މައްސަލާގައި ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އެމެރިކާ އެކަހެރިވެފައިވާތީ ހަމައެކަނި އިސްރާއީލުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ޓްރަމްޕަށް ޙާޞިލުކުރެއްވޭނެ ކަމެއް ނެތްކަމަށް ތަޖްރިބާކާރުން ދެކެއެވެ.