ޚަބަރު

ޗައިނާގައި އުޅޭ ދިވެހިންގެ ރައްކާތެރިކަމަށް މިދަނީ ފިޔަވަޅު އަޅަމުން - އަޒީމާ


"ނޮވެލް ކޮރޯނާ"ވައިރަސް ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، އެކި ބޭނުންތަކުގައި ގޮސްތިބި ސާޅީސް ތިން ދިވެއްސަކު މިވަގުތު އެޤައުމުގައި އުޅޭކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިވާކަމަށް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ ވިދާޅުވީ ފޮރިން މިނިސްޓްރީއާއި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން، ދިވެހިންގެ ރައްކާތެރިކަމަށް މުހިންމު ވިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެެ. އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފަށާފައިވަނީ ޗައިނާގައި ތިބި ދިވެހިންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތްކަމަށް އަޒީމާ ވިދަޅުވިއެވެ.
މިހާތަނަށް ލިބުނު މަޢުލޫމާތަށްބަލާއިރު ޗައިނާގައި ސާޅިސް ތިން ދިވެއްސަކު އުޅެމުންދާކަމަށާ، ބަލި ފެތުރެމުން އަންނަ ވުހާންގައި 7 ދިވެހިން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްބެސެޑަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެތެރޭގައި ގިނައީ ތަޢުލީމު ހާސިލްކުރުމަށް ޗައިނާގައި އުޅެމުން އަންނަ ދިވެހި ދަރިވަރުންނަކަމަށެވެ.

އަޒީމާވަނީ ޗައިނާގައި އަދި މިނޫންވެސް މިބަލި ފެތުރެމުންދާ ޤައުމެއްގައި ދިވެހި ރައްޔިތެއް އުޅޭނަމަ އެ މަޢުލޫމާތު ފޮރިން މިނިސްޓްރިއާއި ނުވަތަ އެންމެ ކައިރި ދިވެހި މިޝަނަކާއި ޙިއްސާކުރުމަށް އިލްތިމާސްކުރައްވާފައިއެވެ.

"ފެށުނީއްސުރެއް އަޅުގަނޑުމެންގެ އިލްތިމާސަކީ ދާ ޤައުމުތަކާއި، ދަތުރުތަކުގެ ތަފްސީލް އަޅުގަނޑުމެންނާ ޙިއްސާކުރުން. މިފަދަ ދަނޑިވަޅުތަކުގައި، އަދި އާއްމު ޙާއްލަތުގައިވެސް މީހަކަށް ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންނަށް އެންމެ އަވަހަށް އެޓެންޑް ކުރެވޭނީ މި މަޢުލޫމާތު ހުރެގެން. ވޫހާންގައި ދިވެހި ކުދިން ތިބިކަންވެސް އިނގުނީ ޙާދިސާ ދިމާވީމައި. މަޢުލޫމާތު ހޯދޭނެ އިތުރު ގޮތެއް ނޯވެ. މިހާރުވެސް އިލްތިމާޒް މިކުރަނީ އެއްވެސް މަޢުލޫމަތެއް އިންގޭނަމަ ޙިއްސާކުރުމަށް." އާޒިމާ ވިދާޅުވިއެވެ.

ބަލިފެތުރެމުންދާ ވުހާން ސިޓީގައި 7 ދިވެހިން ތިބިކަމަށް އެމްބަސީން ވިދާޅުވެއެވެ. އާޒިމާ ވިދާޅުވީ ގުޅައިގެންނާއި އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށްވެސް މި މީހުންގެ ޙާލު މެދުކެނޑުމެއްނެތި ބަލަމުންދާކަމަށެވެ. މި ފަރާތްތަކުންވެސް ކޮންމެހެން ބޭރަށް ނިކުންނަޖެހޭ ޙާލަތެއްގައި ނޫނީ ނުނިކުތުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

"ޗައިނާގައި އުލެމުންދާ ދިވެހިންނަށް ދަންނަވަން އޮތީ މީހުން އެއްވާ ތަންތަނަށް އެއްވެސް ވަރަކަށް ނުދިއުމަށް. އަދި ލޯކަލް ޓްރާންސްޕޯޓްވެސް ވީހާވެސް މަދުން ބޭނުންކުރުމާއި، އަދި މާސްކް ބޭނުންކުރުމަށްވެސް އިލްތިމާސްކުރަން." އަޒީމާ ވިދާޅުވިއެވެ.

ޗައިނާގެ އިތުރުން އެހެން ޤައުމުތަކަށް ދަތުރުކުރާމީހުންވެސް، ތައްޔާރީ ޙާލަތުގައި ތިބުމަށާ، އެމީހުންގެ މަޢުލޫމާތުތައް ޙިއްސާކުރުމަށްފަހު ދަތުރުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.