ސިއްހަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމާގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިފި


ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބައްދަލުކުރައްވައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަކިވަކިން ކުރިއަށްދިޔަ ބައްދަލުކުރެއްވުންތަކެއްގައި އެންމެ ފުރަތަމަ މިނިސްޓަރ ބައްދަލުކުރައްވާފައިވަނީ އުނގޫފާރު ކައުންސިލާއި، އެރަށު ރީޖަނަލް ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓާއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ތެރޭގައި ގޯތިތެރޭގައިހުރި ބާވެ، ވީރާނާވެފައިވާ ތަންތަނާއި، ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ އެކަމަޑޭޝަންގެ ކަންކަން ހަމަޖެއްސުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު މިނިސްޓަރަށް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ޑީޓެއިލް ކުރެހުމެއް ކުރަހައި، ހޮސްޕިޓަލް ތަރައްޤީކުރާނެގޮތުގެ ޕްލޭން ތައްޔާރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެންމެފަހުގެ މަޢުލޫމާތު މިނިސްޓަރ ވަނީ ކައުންސިލަށް ދެއްވާފައެވެ.

އެއަށްފަހު މިނިސްޓަރ އަމީން ވަނީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ތަނުގެ ޚިދުމަތްތަކާ ގުޅޭގޮތުން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ޙިއްސާކުރައްވާފައެވެ. އަދި އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހެލްތު މިނިސްޓަރ އަމީން ވަނީ އެއަތޮޅުގެ ހުރިހާ ހެލްތް ސެންޓަރުތަކުގެ މަންދޫބުންނާވެސް ބައްދަލުކުރައްވާފައެވެ.

އަދި އެތަންތަނުގެ ޙާލަތާއި، ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު މިނިސްޓަރ ވަނީ އޮޅުން ފިލުއްވާފައެވެ. އަދި ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ތަރައްޤީކުރުމުގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ހެލްތް ސެންޓަރުތަކުގެ މަންދޫބުންނަށް ވަނީ މަޢުލޫމާތުދެއްވާފައެވެ.