ސިއްހަތު

ވެކްސިން ޖެހުމުގެ މަސައްކަތަށް އެއްބާރުލުން ބޭނުންވޭ - މިނިސްޓަރ އަމީން


ދިވެހި ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ވެކްސިން ޑޯސްޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދު ﷲ އަމީން އެދިވަޑައިގެންފިއެވެ.

ހެލްތު މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ ރ. އިންނަމާދޫ ޞިއްޙީ މަރުމަޒުގެ ލެބޯޓްރީ ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ޢާއްމުންގެތެރޭ ޞިއްޙީ ކަންކަމަށްދޭ ސަމާލުކަން އިހުނަށްވުރެ ބޮޑު ކުރަންޖެހިފައިވާކަމަށާއި، ވަކިން ޙާއްސަކޮށް ގައިންގަޔަށް އަރާބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުން މުހިއްމުކަމަށެވެ. އަދި އެއީ މުޅި މުޖުތަމަޢު ޞިއްޙީ ނުރައްކަލުން ސަލާމަތްކޮށްދޭނެކަމެއްކަން ފާހަގަކުރައްވާ، ވެކްސިން ޖެހުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އަމީން އެދިވަޑައިގަތެވެ.

"ކޮންމެ މީހަކީ ޞިއްޙީ ރައްކާތެރިކަމަށްޓަކާ ޖަހަންޖެހޭ ވެކްސިން ޖަހާފައިވާ މީހަކަށްވުން މުހިއްމު. ވެކްސިންގެ ޑޯސް ފުރިހަމަކުރުމަށް އަވަސްވެގަންނަންޖެހޭ. ދިރިއުޅޭ އާބާދީއަށް ވެކްސިން ޑޯސްދިނުމަށް މިކުރާ މަސައްކަތަށް އެއްބާރުލުންދޭންޖެހޭ" މިނިސްޓަރ އަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ޞިއްޙީ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަޞީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ޞިއްޙީ ދާއިރާއިން ވެފައިވާ ވަޢުދުތައް ފުއްދާ، އެކަންކަން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު މުއައްސަސާތަކާގުޅިގެން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.