ޚަބަރު

ސްކޫލްތަކުގައި ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި


ތައުލީމީގޮތުން ނަތީޖާ ދަށް ދަރިވަރުންނަށް ޚާއްސަކޮށްގެން ސްކޫލުތަކުގައި ކުރިއަށްގެންދިޔަ ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވެފައިވަނީ ޤައުމީ މަންހަޖުގައި ސާނަވީ މަރުހަލާގައި ކިޔަވާ މުހިއްމު މާއްދާތައް ދޫކޮށްލުމުން މަތީ މަރުހަލާތަކުގައި ދަރިވަރުން އިތުރަށް ކިޔެވުމާއި ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދާ ކަމަށެވެ. އަދި ތައުލީމީ މަންހަޖުގެ ތެރެއިން ހާސިލްކުރުމަށް ކަނޑައެޅިފައިވާ އަސާސީ ބައިތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށްވެސް ހުރަސް އެޅިގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޤައުމީ މަންހަޖްގެ ކީ ސްޓޭޖް ހަތަރެއްގަިއ ހިމެނޭ ގްރޭޑް ނުވައެއް އަދި ދިހައެއްގައި ކިޔަވާ ހުރިހާ ދަރިވަރުންވެސް އެ ގްރޭޑަކަށް ކަނޑައަޅާފައިވާ މިންވަރަށް މާއްދާތައް ފުރިހަމަ ކުރަންޖެހޭނެކަމަށްވެ. އަދި ގްރޭޑް 10 އެއް ނިންމާ ސާނަވީ އިމްތިހާން ހަދާ ކޮންމެ ދަރިވަރަކުވެސް މަދުވެގެން 5 މާއްދާއިން އިމްތިހާން ހަދަންޖެހޭނެ ކަމަށެވެ. މި މާޢްދާތަކުގެ ތެރޭގައި މަޖުބޫރު 4 މާއްދާއާއެކު އިތުރު އެއް މާއްދާ ހިމެނެއެވެ. އަދި ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން، އެ ސްޓްރީމްގެ އިތުރުން މަދުވެގެން ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ބައިވެރިވާންޖެހޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދަސްވާރާއެކު 2014 ވަނަ އަހަރު ތައާރަފްކުރި އެޑެކްސެލް ބިޒްނަސް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް (ބީޓެކް) އަކީ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި ތައާރަފްކުރި ޕްރޮގްރާމެކެވެ.

މަޖުބޫރު ހަތަރު މާއްދާގެ އިތުރުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ދަސްވާރުގައި އެ ސްކޫލަކުން ދަރިވަރުން ބައިވެރިކުރުވަނީ ގްރޭޑު ނުވެއްގެ ނަތީޖާއަށް ބެލުމަށް ފަހުގައެވެ.