ޚަބަރު

ދަސްވާރުގެ ސަބަބުން ޘާނަވީ ތަޢުލީމްގެ މަރުހަލާއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރި - މިނިސްޓްރީ


ސްކޫލުތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ހެދުމަށް ސްކޫލުތަކުން މަޖުބޫރު ކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންކްލޫސިވް އެޑިޔުކޭޝަން ގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގައި ކުރިން ހިންގަމުން ދިޔަ "ދަސްވާރު ޕްރޮގްރާމް" ސްޓްރީމްއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަސްވާރު ޕްރޮގްރާމް އަމާޒު ކުރެވިގެން ދިޔައީ ތަޢުލީމީ ގޮތުން ދަށްކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ކަމަށް ވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުން ތަކަކަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާކަމަށެވެ.

މިނިސްޓްރީން ވަނީ ދަސްވާރު ސްޓްރީމަށް ބައެއް ދަރިވަރުން ލާފައިވަނީ އެންމެ އެދެވޭ ގޮތެއްގައި ނޫންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްގެ ނަތީޖާ މަތިކުރުމަށް ޤައުމީ މަންހަޖުގައި ހިމެނޭ މުހިންމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރުމުގެ ސަބަބުން ދަރިވަރުންގެ ޘާނަވީ ތަޢުލީމްގެ މަރުހަލާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑް ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ "ލުއި" ގޮތަކަށް ޘާނަވީ މަރުހަލާ ނިންމާކަން ފާހަގަ ކުރެވިފައިވާ ކަމަށާ މީގެ ނަތީޖާއެއްގެ ގޮތުން ސްކޫލަށް ދިއުމުގެ މަޤްޞަދު ބައެއް ދަރިވަރުންނަށް ޙާޞިލްވެފައި ނުވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށްވެސް ސްކޫލް ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތަޢުލީމު ލިބިފައިވުންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ބައެއް ސްކޫލްތަކުގައި ދަސްވާރު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްޓްރީމްއެއްގެ ގޮތުގައި ދަސްވާރު ކުރިއަށް ނުގެންދިޔަ ނަމަވެސް ސްކޫލުގައި ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ގިނަ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުންހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މަޤްސަދަކީ، ހުނަރަކީ ހަމައެކަނި ދަށް ކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލްތަކުން ނިކުންނަ ކޮންމެ ދަރިވަރަކީވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުން ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.