ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިގްތިސާދީ އުފެއްދުންތެރިކަން ކުރިއެރި - އެމްއެމްއޭ


މިދިޔަ އަހަރުގެ ފަހު ކުއަޓާގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ އިގްތިސާދީ އުފެއްދުންތެރިކަން ކުރިއަރާފައިވާކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއަޓާގެ ރިޕޯޓުގައެވެ.

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ވެބްސައިޓުގައި އާމްމުކޮށްފައިވާ މި ރިޕޯޓަކީ އިމާރާތްކުރުމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ހޯލްސޭލް އަދި ރީޓޭއިލް ވިޔަފާރިކުރާ ބޮޑެތި 149 ކުންފުންޏަކުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓު ދައްކާ ގޮތުން 2019ގެ 4 ވަނަ ކުއަޓާގައި އާންމުކޮށް ހުރިހާ ދާއިރާއެއްގެ އުފެއްދުންތެރިކަންވެސް ވަނީ އެ އަހަރުގެ 3 ވަނަ ކުއަޓަރަށްވުރެ އިތުރުވެފައެވެ. އަދި ފަތުރުވެރިކަމާ، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އުފެއްދުންތެރިކަން 4 ވަނަ ކުއަޓާރުގައި ކުރިއެރިއިރު، އިމަރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ހުރީ އޭގެ ކުރީ ކުއަޓަރާއި އެއް ހަމައެއްގައި މަޑުޖެހިފައެވެ.

މުދަލާއި، ހިދުމަތްތަކުން ނެގޭ އަގަށް ބަލާއިރު، 4 ވަނަ ކުއަޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުންނާއި އިމާރާތްތަކުރުމުގެ ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުގެ އަގަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތުގެ އަގު ވަނީ އުފުލިފައެވެ. މިއަހަރުގެ ކުރިއަށް އޮތް ކުއަޓަރުގައިވެސް ތަކެއްޗާއި، ހިދުމަތްތަކުގެ އަގުތައް ހުންނާނީ ނިމުނު 4 ވަނަ ކުއަޓަރާއި އެއް ހަމައެއްގައިކަމަށްވެސް އެމްއެމްއޭ ރިޕޯޓުން ލަފާކުރެއެވެ.

މިރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އާޅާބަލާއިރު، 4 ވަނަ ކުއާޓަރުގައި ޓުއަރިޒަމް އަދި އިމާރާތްކުރުމުގެ ދާއިރާއިން ވަޒީފާތައް އުފެދުނު ނަމަވެސް އެހެން ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ގޮސްފައެއް ނުވެއެވެ.

ވިޔަފާރި ހިންގުމުގެ ޚަރަދަށް ބަލާއިރު، 4 ވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ހިންގުމުގެ ޚަރަދުތައް ހުރީ 3 ވަނަ ކުއާޓަރއާ އެއްހަމައެއްގައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން މިމުއްދަތުގައި ހިންގުމުގެ ޚަރަދާއި، މުސާރަ އަދި އިނާޔަތްތަކަށް ކުރި ޚަރަދުވަނީ އިތުރުވެފައެވެ.

އެމްއެމްއޭއިން ލަފާކުރާގޮތުން ކުރިޔަށް އޮތްތަނުގައި ޓުއަރިޒަމް، ހޯލްސޭލް، ރީޓެއިލް ދާއިރާގެ ކެޕިޓަލް ހުންނާނީ އެއްހަމައެއްގައެވެ. ނަމަވެސް އިމާރާތްކުރުމުގެ ދާއިރާގެ ކެޕިޓަލް ޚަރަދު އިތުރުވާނެކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

ސާވޭގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާގޮތުގައި މިދިޔަ އަހަރުގެ 4 ވަނަ ކުއަޓަރުގައި އިމާރާތްކުރުމުގެ ދާއިރާ އަދި ދަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުން ފެނިފައިވެއެވެ. އަދި ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިން މާބޮޑު ކުރިއެރުމެއް ފެނިފައެއް ނުވެއެވެ. އަނެއްކޮޅުން ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާނެކަމަށް ލަފާކުރާއިރު، ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތައް ހުންނާނީ 4 ވަނަ ކުއަޓަރާއި އެއް ހަމައެއްގައިކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.