ޚަބަރު

ޅެންވެރިކަމާއި ތާރީޚާއި ގުޅޭ ފޮތްތަކެއް ދިވެހިބަހުގެ އެކަޑަމީން ނެރެފި


ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ޅެންވެރިކަމާއި ތާރީޚާއި ގުޅޭ ފަސް ފޮތެއް ދިވެހިބަހުގެ އެކަޑަމީން ނެރެފިއެވެ.

31 ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބާގައި މ. ދިއްގަރުގައި ބޭއްވި ޚާއްސަ ޖަލްސާގައި ނެރެފައި ވަނީ ޒުވާން ޅެންވެރިޔާ އިއްޒާން އިޒާނުގެ، އިއްޒަގެ ޅެން ފޮތާއި، ޢިޝާގެ ޅެން ފޮތާއި، މުހައްމަދު ޝާހިދު ހަލީމްގެ ބަނޑުވައް އަކުރު ފޮތާއި، މުހައްމަދު ޝާހިދު ހަލީމްގެ "ލޯ"ފޮތެވެ. މީގެ އިތުރުން އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ "ތާރީޚީ ނަޒަރަކުން ދުނިޔޭގެ ޅެންވެރިކަމަށް އަވަސް ކަޅިއެއް" ފޮތްވެސް މި ޖަލްސާގައި ވަނީ ނެރެފައެވެ.

އިއްޒާން އިޒާނުގެ، އިއްޒަގެ ޅެން ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. "ޢިއްޒަގެ ޅެން ފޮތް" މި ނަމުގައި ނެރެފައި ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ޝާއިޢު ކުރަމުންދާ މަލަސްގެ 103 ވަނަ ޢަދަދުގެ ގޮތުގައެވެ.

31 ވަނަ ޅެންވެރީންގެ ދުވަސް ޚާއްސަކޮއްފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިންގެ ޚިދުމަތްތަކަށެވެ. އެމަނިކުފާނަކީ، ދިވެހި ބަހާއި އަދަބަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި މިހާރުވެސް މި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ކޮންމެ އަހަރެއްގެވެސް ޖަނަވަރީގެ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ޅެންވެރީންގެ ދުވަހަކީ 1988 ވަނަ އަހަރު އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރި ދުވަސް ހަނދާނަށް ގެނައުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، ދިވެހި ޅެންވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި، ދިވެހި ޅެންވެރިކަމަށް ދިވެހިން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކުރުމުވެ. ދިވެހި ޅެންވެރީންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 15 ޖަނަވަރީ 1989 ގައެވެ.