ކުޅިވަރު

60 އަހަރުގެ އަބްސީބެ ފުލް މެރެތަން ޖަހައިފި! ސާބަސް!


މެރަތަންއެއް ހަތަރު ގަޑިއިރަށްވުރެ އަވަހަށް ދުވެ ނިންމާލުމަކީ ގަވާއިދުން ދުވާ ޒުވާން ދުވުންތެރިންނަށްވެސް ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް އުމުރުން 60 އަހަރުގައި ފުލް މެރެތަންއެއް ޖަހައި އަބްދުއްރަޝީދު (އަބްސީބެ) މިވަނީ ގިނަ ބަޔަކު ސިއްސުވާލާފައެވެ. ސްޓެންޑަޑް-ޗާޓާޑް ދުބާއީ މެރެތަންގައި މިއަދު އަބްސީބެ މިވަނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މެރެތަން ރޭހެއް ފުރިހަމަކޮށްފައެވެ. އަބްސީބެ ރޭސް ނިންމީ 4 ގަޑި 7:50 މިނެޓުންނެވެ. ފުލް މެރަތަންއަކީ 42 ކިލޯމީޓަރެވެ. އެއީ މާލެ ވަށައިނަމަ 8 ބުރެވެ.

90ގެ އަހަރުތަކުގައި ފުރަތަމަ މެރެތަންއެއް ޖަހަން ނިކުތް އަބްސީބެއަށް އޭރު މިކަމާއި ގުޅޭ މާގިނަ މައުލޫމާތެއްވެސް ނުލިބެއެވެ. ސްޕްރިންޓް ރޭހެއްގައި ދުވެލި ނަގާ ގޮތަށް ދުވަން ފެށުމުން ވަކިހިސާބަކުން ރޭސް ފުރިހަމަނުކުރެވި ހުއްޓާލަން ޖެހުނީއެވެ. އޭގެ ފަހުން ކަސްރަތަށް އަބްސީބެ ދުވާތާ މިހާރު 28 އަހަރުވީއެވެ. ބައިނަލްއަގްވާމީ ފުލް މެރެތަންއެއް ފުރިހަމަކުރުމުގެ ފުރުސަތު އަބްސީބެއަށް ހޯދައިދިނީ "ދި މެރެތަން ޝޮޕް"އިންނެވެ. މި މެރެތަން ފުރިހަމަކުރުމުގައި އަބްސީބެއަށް އެހީވެދިނީ ގައުމީ މިޑްލް ޑިސްޓެންސް ކޯޗެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (އަބުޅޯ)އެވެ.

ފިނޭންސް މިނިސްޓްރީގައި ވަޒީފާއަދާކުރާ އަބްސީބެ ބުނާ ގޮތުގައި ނުދުވާ ހަނދާނެއް އޭނާގެ ނެތެވެ. އަބްސީބެ ކޯޗެއްގެ އިރުޝާދާއިއެކު ދުވަންފެށިތާ މިވީ ފަސް މަހެވެ. އެހެންނަމަވެސް އަބްސީބެ މިވަނީ ހިތްވަރާއިއެކު ކެރިގެން ކުރާ ކޮންމެ ކަމެއްގައި ކާމިޔާބީ ލިބޭނެކަން ސާބިތުކޮށްދީފައެވެ.

އުމުރުން 60 އަހަރުގައި ފުލް މެރެތަން އެއް ނިންމައި އަބްސީބެ މިހޯދި ކާމިޔާބީއަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.

މިދިޔަ އަހަރު ފުވައްމުލަކުގައި ބޭއްވި މޯލްޑިވްސް ފުވައްމުލައް މެރެތަންގައިވެސް އަބްސީބެ ދުވިއެވެ. ހާފް މެރެތަން ރޭސް 1 ގަޑި 59 މިނެޓުން ނިންމައި ޖުމްލަ 30 ދުވުންތެރިންގެ ތެރެއިން އޭނާ ހަތަރު ވަނަ ހޯދި އެވެ. މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 10 ކިލޯމީޓަރު އަބްސީބެ ދުވީ 54:35 މިނެޓުންނެވެ.