ވިޔަފާރި

އެމެރިކާއިން ރާއްޖެއަށް އަގުހެޔޮކޮށް ތަކެތި ގެނެވޭ "ގޯ ޝޮޕް.އެމްވީ" ލޯންޗުކޮށްފި


އޮންލައިން ޝޮޕިން އަކީ ދުނިޔޭގެ ފެންވަރުގައި އާންމުންގެ މެދުގައި މަޤުބޫލުކަން ހޯދަމުންދާ ކަމެކެވެ. ރާއްޖޭގައިވެސް އޮންލައިން ޝޮޕިން އަކީ އާންމުންގެ މެދުގައި މަޤުބޫލުކަމެކެވެ. ބޭރު ޤައުމުތަކުން ތަކެތި ގަތުމާއި ރާއްޖޭގެ އަމިއްލަ އޮންލައިން ފިހާރަތަކުންވެސް ތަކެތި ގަންނަ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި ތިބެ ހެޔޮ އަގުގައި އެމެރިކާގެ އޮންލައިން ފިހާރަތަކުން ތަކެތި ގަތުމުގެ މަގުފަހިކޮށްދިނުމަށް ރެޑްބޮކްސް ޑެލިވަރީން މިވަނީ އެމެރިކާގެ އޮންލައިން ޑެލިވަރީ ހިދުމަތްދޭ މައިޔޫއެސްއާއި އެކު "ގޯ ޝޮޕް.އެމްވީ" ގެ ނަމުގައި މިހާރު ވެބްސައިޓެއް ތައަރަފްކޮށްފައެވެ.

"ގޯ ޝޮޕް.އެމްވީ" މެދުވެރިކޮށް މައިޔޫއެސްގައި ލިބޭ ހުރިހާ ހިދުމަތެއް ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ލިބިގެން ދާނެއެވެ. ކުރިން އެމެރިކާގެ އޮންލައިން ޝޮޕްތަކުން ތަކެތި ގެނައުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަގުހެޔޮ ޑެލިވަރީ ހިދުމަތްތަކެއް ނުލިބުމެވެ.

ނަމަވެސް ގޯޝޮޕްގެ ސީއީއޯ ހުސެން ޝަހީދު ބުނީ މައިޔޫއެސް އަދި އެހެން އޮންލައިން ޑެލިވަރީ ހިދުމަތްދޭ ފަރާތްތަކުގެ އަގާ އަޅާ ކިޔާއިރު، ގޯޝޮޕްގެ އަގުތައް ދަށްވާނެކަމަށެވެ. މިގޮތުން ގޯޝޮޕް މެދުވެރިކޮށް އެމެރިކާއިން އޮންލައިންކޮށް ގަނެ، ޑެލިވާކުރަން އެދޭ ތަކެތީގެ އިންޓަރނޭޝަނަލް ޝިޕިން ކޮސްޓް އެހެން ތަންތަނުގެ އަގަށްވުރެ 80 އިންސައްތަ ދަށްވާނެކަމަށެވެ.

ގޯ ޝޮޕްގެ އިތުރުން މައި ޔޫއެސް މެދުވެރިކޮށް ވިޔަފާރި ކުރާ މީހުންނަށް ވެސް ރެޑް ބޮކްސް އިން އަންނަނީ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.