ޚަބަރު

ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅިފައި ވަނީ 33 ޝަކުވާ - އިލެކްޝަން


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅިފައިވަނީ 33 ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިމިހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ވޯޓާސް ލިސްޓަށް ހުށަހެޅެމުންދާ ޝަކުވާތަކާއި ގުޅޭގޮތުން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަ އައިމިނަތު އަޒީފާ ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށެވެ. މިމަހުގެ 30 ނިޔަލަށް ހުޅުވާލާފައިވާ މިފުރުސަތުގައި ކޮމިޝަނުން އެންމެބޮޑު އިސްކަމެއް ދީފައިވަނީ ނަމާއި، އެޑްރެސް އަށް ބަދަލުވެފައިވާނަމަ އެކަން ރަނގަޅުކުރުމަށްކަމަށެވެ.

ރީރަޖިސްޓްރޭޝަންގެ މުއްދަތުގައި ރަޖިސްޓްރީ ކުރަންޖެހޭނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓްލީތަން ނޫން ތަނެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކާއި، އެޑްރެސް ބަދަލުވާ ފަރާތްތަކުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިފަހަރުގެ ވޯޓާސް ލިސްޓަކީ އިންތިޚާބުގެ ކުރިން އެކުލަވާލެވި މައްސަލަ ދިމާނުވާގޮތަށް އާންމުކުރެވޭ ލިސްޓަކަށް ހެދުމަށްކަމަށް އަޒީފާ ވިދާޅުވިއެވެ.

"20 ޖެނުއަރީން ފެށިގެން އަޅުގަނޑުމެންވާނީ ވޯޓާސްލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވަނީ 33 ޝަކުވާއެއް. އޭގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ މީހުންގެ މައުލޫމާތު ލިސްޓުގައި ހުރުމާއި، އެޑްރެސް ބަދަލުވެފައިވާ މީހުންގެ ނަންތަކެއް. އަޅުގަނޑުމެންނަށް ހުށަހެޅޭ މިފަދަ ޝަކުވާތައް ބަލައި ފައިނަލް ލިސްޓް އާންމުކުރާއިރު މިފަދަ ހުރިހާ މައްސަލަތަކެއް ހައްލުކުރެވޭނެ" އަޒީފާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލާ، އެއްވެސް މައްސަލައެއް އުޅޭނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. ކޮމިޝަނުން ދަނީ އިންތިޚާބުގައި ބޭނުންވާ އޮފިޝަލުންނާއި، އިދާރީ ކަންކަން ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓްފޮށި ދޮށުގައި ހަރަކާތްތެރިވުމަށާއި، އިދާރީ ކަންކަމުގައި ހަރަކާތްތެރިވުމަށް 6000 ވުރެ އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އޮފިޝަލުން ހޯދުމަށްޓަކައި އިލެކްޝަން ކޮމިޝަނުންދަނީ ސަރުކާރުގެ ކަމާިއބެހޭ ފަރާތްތަކާއިގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.