ޚަބަރު

ކައުންސިލްތަކަށް ކުރިމަތިލާން، އަންނަ މަހު 4 ގައި ހުޅުވާލަނީ


ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ޑިރެކްޓަރ ޚަދީޖާ ރަޝާ ވިދާޅުވީ ކޮމިޝަންގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ކައުންސިލް އިންތިޚާބްގައި ވާދަކުރުމަށް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ.

އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅަންޖެހޭ ފޯމްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށް ރަޝާ ވިދާޅުވިއެވެ. ކޮމިޝަނުން ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޚާއްސަ ވަކި ފޯމް ސެޓެއް ތައްޔާރުކުރާނެކަމަށް އޭނާ ވިދާޅުވި. މި ފޯމްސެޓްގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި ހުށަހަޅަންޖެހޭ މައުލޫމާތު އެގެން ހުންނާނެކަމަށްވެސް ރަޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ޤާނޫނުގައި ބުނާ 14 ދުވަހުގެ މުއްދަތު ލިބޭނެކަމަށެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ދުރާލައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ފޯމްސެޓާއި އެއްގޮތްވާގޮތުގެ މަތީން ހުށަހަޅަންޖެހޭ ހުރިހާ އެއްޗެއް އޮންނަ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެން މިހާރު ޝެޑިއުލްކޮށްފައިވާގޮތުން އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު. އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދެއްވަންޖެހޭ އިލެކްޝަނަށް ފޯމް ހުށަހެޅުއްވުމުގަ. ކޮންމެ އިންތިޚާބަކަށް އަޅުގަނޑުމެން ތައްޔާރުކުރާނަން އެއިންތިޚާބަކަށް ޙާއްސަ ފޯމްސެޓެއް. އޭގައި ހިމެނޭނެ ގާނޫނީ ފޯމާއި، އެނޫންވެސް ފުރަންޖެހޭ ހުރިހާ ފޯމެއް" ރަޝާ ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި 980 މީހަކު އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށީގައި ސިޓީ ކައުންސިލަރުންނާއިއެކު މޭޔަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލް އިންތިޚާބާއިއެކު އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ ޢަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 46

މިމަހުގެ 20 ވަނަ ދުވަހު އާންމުކުރި ލިސްޓް ސަރުކާރުގެ ގެޒެޓާއިި އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގެ އިތުރުން ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގައި އާންމުކޮށް ފެންނާނެހެން ވަނީ ބަހައްޓާފައެވެ. މިލިސްޓުގައިވާގޮތުން ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވޯޓް ދިނުމުގެ ޚައްޤުލިބިފައިވަނީ ދެލައްކަ ފަސްދޮޅޮސް ނުވަހާސް ހަސަތޭކަ ތޭވީސް މީހުންނަށެވެ.

ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަނުން ތައްޔާރުވަމުންދާއިރު، ކޮމިޝަނުން ދަނީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ކޮމިޝަނުން އަމަލުކުރަމުންދާ ބައެއް ގަވާއިދުތަކަށްވެސް އިންތިޚާބާއިބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ބައެއް ބަދަލުތައް ގެންނަމުންނެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ފެބްރުއަރީ 4 ވަނަ ދުވަހު އިލެކްޝަނުން ހުޅުވާލާއިރު ސިޔާސީ ޕާޓީތަކުންދަނީ އެޕާޓީތަކުން ނެރޭގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވަންޖެހޭ ޕްރައިމަރީތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ.