ޚަބަރު

ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި މަތިވެރީގެ ކުރިމަގަށް ނުރައްކާވެފައި!


އަރިއަތޮޅު އުތުރުބުރީ މަތިވެރިއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަޔަކީ ރަށްގިރުމެވެ.

ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް މަތިވެރި ކައުންސިލުންވަނީ ވިދާޅުވެފައެވެ.

އަރިއަތޮޅު އުތުރުބުރީ މަތިރިއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެރަށުގެ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާބާދީގައި 900 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މަތިވެރިއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތްތައް ކައުންސިލުން ވަނީ ޕީއެސްއެމްއާއި ހިއްސާކުރައްވާފައެވެ.

މަތިވެރި ކައުންސިލް ރައީސް އިސްމާއިލް އާތިފް ވިދާޅުވީ މީގެ 20 އަހަރުކުރިން މަތިވެރީގައި އޮތް ރީތިކަން ނެތި ވަށައިގެންވާ ބީޗާއި ތުޑިވެސް މިހާރު ނެތެމުންދާކަމަށެވެ. މިމައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލް އުފެދުނު ފަހުންވެސް ގިނަ މަސައްކަތްތަކެއް ކުރެވި ކާމިޔާބަކާއި ހަމަޔަށް ދެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތައް އުފެދުނުފަހުން އައި ކޮންމެ ސަރުކާރެއްގެ ކަމާއި ގުޅުންހުރި ވުޒާރާގައި މިކަމުގެ ކަންބޮޑުވުން އޮތް މިންވަރު ހިއްސާކުރެވި ހައްލުތަކެއް ހޯދުމަށް އެދިފައިވާނެކަމަށެވެ.

މަތިވެރިއަކީ އަބަދުވެސް ރަށުގެ ރައްޔިތުން ރައްގީއާއި ރަށުގެ ރީތިކަމަށް ނުހަނު ލޯބިކުރާ ރަށްޔިތަކު ދިރިއުޅޭ ރަށެއްކަމަށް އާތިފް ވިދާޅުވިއެވެ. ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބުނުމަވެސް ސާފުރީތި ރަށެއްގެ ގޮތުގައި މަތިވެރި އޮންނަނީ ރައްޔިތުން އެކަމަށް ދޭ ޚާއްސަ ސަމާލުކަމެއްގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ ރަށްގިރުމަށް ހައްލުތަކެއް ހޯދުމަށް އެންވާރުމަންޓް މިނިސްޓްރީއާއި ބައްދަލުކޮށް ރަށުގެ ހާލަތު ސާފުކޮށްދެއްވާފައި ވާނެކަމަށެވެ. ކައުންސިލްގެ ކަންބޮޑުވުންތަކާއިއެކު މިއަހަރުގެ ބަޖެޓްގައި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކޮންމެވެސް ވަރެއްގެބަޖެޓެއް ކަނޑައަޅާފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

"ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުން 100 އެއްހާފޫޓް ވަނީ ގިރައިގެންގޮސްފަ. މިމައްސަލަ ހައްލުކޮށްދެއްވުމަށް އަޅުގަނޑުމެން އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ކިބައިންވާނީ އެދިފަ. ނަމަވެސް މިކަމަކަށް ހައްލެއް ލިބިފައިނުވޭ. މިސަރުކާރުން އެބައޮތް މިއަހަރުގެ ބަޖެޓްގައި މިލިޔަނެއްހާ ރުފިޔާ މަތިވެރީގެ ރަށްގިރުން ހައްލުކުރުމަށް ބަޖެޓްކޮށްފަ. އަޅުގަނޑުމެން މިބަލަނީ ކުޑަމިނުން އީއައިއޭއެއް ނަމަވެސް ހެދިގެންދާނެކަމަށް." މަތިވެރި ކައުންސިލް ރައީސް ވިދާޅުވިއެވެ.

މަތިވެރިއަކީ ޓުއަރިޒަމް ފުޅާވެ ގިނަ އަދަދެއްގެ ޓުއަރިސްޓުން ކޮންމެ ދުވަހަކުވެސް އަންނަ ރަށަކަށްވާއިރު ރަށުގައި ރީތި ބީޗެއް ނެތުމަކީވެސް ކަންބޮޑުވާކަމެއްކަމަށް އާތިފް ވިދާޅުވިއެވެ. އަދި އެރަށް ކައިރީގައިވާ ތުޑިން ވެލިނެގުމުގެ ސަބަބުން ތުޑިވެސް އެއްކޮށް ހަލާކުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަތިވެރީގެ ރަށްގިރުމަށް ހައްލެއް ހޯދުމަށްޓަކައި ކައުންސިލުން އާންމު ފަރާތަކާއިވެސް ވާހަކަ ދައްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަށްގިރާ ސަރަހައްދުން ސަތޭކައެއްހާ ފޫޓަށް ވެލިއަޅައި ހިއްކޭނެ ގޮތަކާއިމެދު މަޝްވަރާ ކުރެވިފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

"ރަށްގިރުން ހައްލުކުރުމަށް އަޅުގަނޑުމެން މިދަނީ އަމިއްލަ ފަރާތަކާއިވެސް ވާހަކަ ދައްކަމުން. މިހާރުން ދެފަރާތުން ވާހަކަ ދެކެވި 100 އެއްހާފޫޓު ހިއްކުމަށް މިދަނީ މަޝްވަރާ ކުރެވެމުން. އަޅުގަނޑުމެން އުންމީދު ކުރަނީ ކަމާއިބެހޭ ފަރާތްތަކުގެ އެއްބާރުލުމާއިއެކު އީއައިއޭހެދި މިކަމަށް ހައްލެއް ލިބުން. ރަށްކައިރީއައި އޮތް ތުޑި، ހެދޭތުޑިން ވެލި ނަގާ ނަގާ އެތަންވެސް އެވަނީ އެއްކޮށް ގިރާފަ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

މަތިވެރީގެ ރަށްގިރުމުގެ މައްސަލައަށް ހައްލުތަކެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، ރަށުގެ ފެން ލޮނުވު ފެނުގެ މައްސަލައަށްވެސް ވަނީ ހައްލެއް ބޭނުންވެފައެވެ. މަތިވެރީގައި ފެނާ ނަރުދަމާގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާއިރު، މިއާއިއެކީ ރަށްގިރުމުގެ މައްސަލަވެސް ހައްލުވެގެން ދިއުމަކީ މަތިވެރީ ކައުންސިލުން ވަރަށްބޮޑަށް އުންމީދު ކުރާކަމެއް ކަމަށެވެ.