ޚަބަރު

އައިކޮމްއަށް ހުށައެޅޭ މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފި


އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅޭ ހުރިހާ މައްސަލަތަކެއް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ނިންމުމާއިއެކު "އާންމު އަޑުއެހުންތަކުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލު" އިޞްލާޙުކުރުމަށް ފަހު ސަރކިއުލަރއެއްގެ ޒަރީއާއިން ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފޮނުއްވާފައެވެ.

މި އުސޫލުގައި، އަޑުއެހުން ބާއްވާ ތަނާއި، ތާރީޙާއި، ގަޑި އާންމު ކުރުމާއި، އަޑުއެހުމަށް ހާޟިރުވުމާއި، ބަދަލުގައި މީހަކު ހަމަޖައްސާނެގޮތާއި، ބަދަލުގައި އަންނަ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތާއި، އަޑު އެހުންތައް ކެންސަލް ކުރާނެ ޙާލަތްތައް އަދި މައްސަލަ އަޑުއެހުމަށްޓަކައި އާންމުން ވަންނާނެ އުސޫލު ވަނީ ބަޔާންކޮށްފަ.

މި އުސޫލުގައި ބަޔާންކޮށްފައިވަނީ އަޑުއެހުމަށްޓަކައި އާންމުންނަށް ވަދެވޭނީ މައްސަލަ އަޑުއަހަން ވަނުމުގެ ދަފްތަރުގައި ނޯޓްކޮށްގެން ކަމަށް އިންފޮމޭޝަން ކޮމިޝަން އޮފީހުން ވިދާޅުވެއެވެ. ދަފްތަރުގައި ނޯޓް ކުރިކަމުގައި ވިޔަސް މާލަމަށް ވަނުމުގެ ހުއްދަ ދެވޭނީ ނޯޓް ކުރާ ތަރުތީބުން ތަނުގައި ޖާގަ އޮތް މިންވަރުންކަމަށެވެ. އަދި އަޑުއެހުމަށް ވަންނަން ނަން ނޯޓް ކުރަން ފަށާނީ އަޑުއެހުން އޮންނަ ދުވަހުގެ ހެނދުނު 8:15 އިން ފެށިގެން އަޑުއެހުން ތާވަލްކޮށްފައިވާ ގަޑިޖެހުމުގެ 5 މިނެޓާ ހަމައަށް ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން މައްސަލައިގެ އަޑުއެހުން ނިމޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެދިއްޖެނަމަ މައްސަލަ ހުށައެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ދޫކުރަންވާނެ ކަމަށާ އަދި މައްސަލަ ނިމޭތާ ގިނަވެގެން 4 ދުވަހުގެ ތެރޭގައި އެ ރިޕޯޓް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

"އާންމު އަޑުއެހުންތަކުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލު" އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓަށް ވަނީ އަޕްލޯޑުކުރައްވާފައެވެ.