ޚަބަރު

ކައުންސިލްތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން 134 މިލިއަން ރުފިޔާ ޖަމާކޮށްފި


ދައުލަތުން ކައުންސިލްތަކަށް އާންމު ހިލޭއެހީގެ ގޮތުގައިދޭ ފުރަތަމަ ޕޭމަންޓް ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފިއެވެ.

ލޯކަލް ގަވަމަންޓް އޮޓޯރިޓީން ވިދާޅުވީ ދައުލަތުން ކައުންސިލްތަކަށް އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓުގެ ގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރެއިން، ފުރަތަމަ ޕޭމްންޓުގެ ގޮތުގައި 134،584،205 (ސަތޭކަ ތިރީސް ހަތަރު މިލިޔަން ފަސްސަތޭކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސް) ރުފިޔާ ކައުންސިލުތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީފައިވާކަމަށެވެ.

2020ވަނަ އަހަރުން ދައުލަތުން ހުށަހެޅި ބަޖެޓުގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޚާއްސަ އިސްކަމެއްދީ ކައުންސިލްތައް ބާރުވެރި ކުރުވައި އަމިއްލަ ފައިމައްޗަ ތެދުވެ މާލީ ބާރުވެރިކަމާއެކު ހިންގޭނެ ގޮތްވަނީ ތަނަވަސްކޮށްދީފައެވެ. މި އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގައި ކަނޑައަޅާފައިވާ 1.6 ބިލިއަން ރުފިޔާ އަކީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

"ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ދޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ %40 އެވެ. މީގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އެއީ ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.