ޚަބަރު

ޗައިނާގެ ވޫހާން ޕްރޮވިންސްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު - ފޮރިން މިނިސްޓްރީ


ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ވޫހާން ޕްރޮވިންސްގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދަނީ ބަލަމުންނެވެ. އެގޮތުން މިވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވޫހާން ޕްރޮވިންސްގައި ތިބި 6 ދިވެހިން އެމްބަސީއާ ގުޅިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެހެން ހިސާބުތަކަށްވެސް މިވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާގެ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަންވެސް ޗައިނާއިންވަނީ ދީފައެވެ. މިޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށްވަނީ ހުއްޓުވާފައެވެ.

ނޭވާލާ ނިޒާމަށް ޖެހޭ މިވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ ޗައިނާގެ ވޫހާން ޕްރޮވިންސުންނާއި ވިޔަފާރީގެ މަރުކަޒީ ރަށް ޝެންހާއީންނާއި ވެރިކަން ކުރާ ބެއިޖިންގުންނެވެ. މިވައިރަސް މިހާރު ދަނީ އެކި ޤައުމުތަކުގައި ފެތުރެމުންނެވެ.

މިވައިރަސްއަކީ 2002 ވަނަ އަހަރުން 2003 ވަނަ އަހަރަށް ޗައިނާގައި ފެތުރުނު ސާސް ވައިރަސްފަދަ ނުރައްކާތެރި ވައިރަހަކަށް ވެދާނެކަމަށް ބެލެވެއެވެ.