ޚަބަރު

ށ.ފުނަދޫ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް މާދަމާ ޖެއްސުމަށް ރައްޔިތުން އެއަރޕޯޓް ޒީނަތްތެރިކުރަނީ


ށ. ފުނަދޫ އެއަރޕޯޓުގެ މަސައްކަތް ނިންމާ މާދަމާ ޓެސްޓު ފްލައިޓް ޖައްސަން މިވަނީ ތައްޔާރުވެފައެވެ.

ފުނަދޫ ޑޮމެސްޓިކް އެއަރޕޯޓަށް ޖައްސާ ޓެސްޓު ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7 ޖަހާއިރުއެވެ. އަދި ފުނަދޫ އެއަރޕޯޓުގައި ޖައްސާނީ ހެނދުނު 7:45 ހާއިރުގައެވެ.

ފުނަދޫ އެއަރޕޯޓުގައި ޖައްސާ ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔުމަށް މުޅި ރަށް އެއްކޮށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެރަށު ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ވަނީ އެއަރޕޯޓް ސަރަޙައްދު ސާފުކޮށް އެސަރަހައްދުގައި ޤައުމީ ދިދަ ޖަހާފައެވެ.

ރަށެއްގައި އެއަރޕޯޓެއް ހުޅުވާ އެތަނުން ޚިދުމަތް ދޭން ފެށުމަކީ މުޅި ރަށުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ކަމެކެވެ.

ފުނަދޫގައި ފްލައިޓް ޖެއްސުމަށް ރަށުގެ ރައްޔިތުން ތައްޔާރުވަމުންދަނީ ވަކި ކުލަޔަކަށް ނުބަލާ މުޅި ރަށް އެކަތިގަނޑަކަށްވެ އެންމެ އެކުގައެވެ. އެގޮތުން އެއަރޕޯޓަށް ޖައްސާ ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔުމަށްފަހު ރަށުގެ ހުރިހާ ގެއެއް ހިމެނޭހެން ރައްޔިތުންގެ ޚަރަދުގައި ހެނދުނުގެ ނާސްތާއެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަކުރުމަށް ބާއްވާ ސައެއްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓުގައި މާދަމާ ޓެސްޓް ފްލައިޓް ޖައްސާއިރު ރަސްމީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ވަނަ ދުވަހުއެވެ.

ފުނަދޫ އެއަރޕޯޓުގެ ޓާމިނަލް ބިލްޑިންގެ މަސައްކަތް ނިންމާފައިވާއިރު މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިން އާއި ފަޔާ ޕޮންޑުގެ މަސައްކަތެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އަޅާފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ.

ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފުނަދޫ އެއަރޕޯޓްގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ފުނަދޫ އެއަރޕޯޓްގައި ތާރުއަޅަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

ފުނަދޫ އެއަރޕޯޓަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވަނީ ދަތުރުތައް ފަށާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ތެރޭ 4 އެއަރޕޯޓެއް ހުޅުވުމަށެވެ.