ޚަބަރު

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ


ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށި ފަހުން އަނެއްކާވެސް ދެ މީހެއްގެ ގައިން އަނެއްކާވެސް އެ ބަލި ފެނިއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހިމަބިއްސަށް ޓެސްޓު ކުރި 9 މީހުންގެ ތެރެއިން 2 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެ ތެރެއިން އެކަކީ ހުޅުމާލޭ ޣާޒީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރެއްކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. އެޗްޕީއޭއިން ވިދާލުވީ ޣާޒީ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ 33 ދަރިވަރަކު މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާކަމަށެވެ.

އަލަށް މީސްލްސް އަށް ޕޮޒިޓިވް ވި 2 މީހުންނާއެކޔ މި ބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ 6 އަރާފައެވެ.

މީގެ ދެއަހަރު ކުރިން ރާއްޖެއިން ނަތްތާލާފައިވާ ހިމަބި އަލުން ފެތުރެން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ހިމަބިހި އިތުރަށް ފެތުރެން ފަށައިފިނަމަ އެކަމަށް ހެލްތު މިނިސްޓްރީ ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ހިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެއްކަމުން، ހިމަބިހިން ސަލާމަތް ވުމަށް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތު މިނިސްޓްރީން ވަނީ ހިމަބިއްސަށް ސްކްރީން ކުރުމާއި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސަވާފައެވެ. އެގޮތުން ހުޅުމާލެއާއި މާލޭގެ ސޯޝަލް ސެންޓަރ އަދި ދަމަނަވެށީގައިވެސް މި އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

ހިމަބިހި ފެތުރުނަ ނުދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން ދާއިރު، 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއްދޭން ވަނީ ފަށާފައެވެ. އެގޮތުން ވެކްސިންގެ އިތުރު ޑޯޒެއް ދޭނީ، އުމުރުން 6 މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިން،ގެ ތެރެއިން އެންމެ ފަހުން މީސްލްސް ވެކްސިން، އެމް.އާރު ނުވަތަ އެމް.އެމް.އާރު ޖެހުމަށް ފަހު 4 ހަފްތާގެ މުއްދަތެއް ފާއިތުވެފައިވާ ތުއްތު ކުދިންނަށެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. ހިމަބިހި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތު މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވެއެވެ.