ދީން

"ވަލަޒިކުރުﷲ އަކްބަރު" މިއީ ކޮން އެއްޗެއް؟ ކޮން ވާހަކައެއް؟


ހުކުރު ދުވަހާއި ވިއްދައިގެން ޢާއްމުކޮށް ދިވެހިންގެ ދުލުކުރީގައި އޮންނަ ވަލަޒިކުރުﷲ އަކްބަރު މިއީ ކޮން އެއްޗެއްކަން ކޮން ވާހަކައެއްކަން ގިނަމީހުންނަށް ވިސްނާވެސް ލެވިފައެއް ނުވެއެވެ.

އެހެނަސް މިއީ ދުނިޔޭގައިވާ އެންމެ ބޮޑު ކަންތަކެވެ. މި ދައްކަނީ ދުނިޔޭގައިވާ އެންމެ ބޮޑު ވާހަކައެވެ. ޢާއްމުކޮށް ލަހުން ހުކުރުނަމާދަށް ގޮސްއުޅޭ މީހުންނާ ދިމާއަށް ވަލަޒިކުރުﷲ އަށް ހުކުރަށް ދާމީހުންގެ ލޭބަލުޖަހައި އެގޮތަށް މުޚާތަބު ކޮށްއުޅޭއިރު، މި ބުނެވޭ އެއްޗަކާމެދު ވިސްނާލުން މުހިންމެވެ.

" ވަލަޒިކުރުﷲ އަކްބަރު " މިއީ ކީރިތި ޤުރުއާނުގައިވާ ކީރިތި ﷲގެ މޫރިތި ބަސްފުޅެކެވެ. ކީރިތި ޤުރުއާނުގެ ޢަންކަބޫތު ސޫރަތުގެ ސާޅީސް ފަސްވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުން ބައެއްގައިވާ ވަލަޒިކުރުﷲ އަކްބަރުގެ މާނައަކީ "....މާތް ﷲ ހަނދުމަކުރުމަކީ ބޮޑުވެގެންވާ ކަމެކެވެ." މި ބުނެވެނީ ވަރަށް ބޮޑު ވާހަކައެކެވެ.

މިތާނގައި މި ބަޔާންކުރަނީ މާތް ﷲގެ މަތިން ހަނދުމަކުރުމުގެ ވާހަކައެވެ. މިއަށް ޒިކުރު ކުރުމޭވެސް ކިޔައެވެ. އެހެނީ ޒިކުރު ކުރުމަކީވެސް މާތް ﷲގެ މަތިން ހަނދުމަ ކުރުން ކަމުގައިވާތީއެވެ. މާތް ﷲގެ މަތިން ހަނދުމަކޮށް ތިން ގޮތަކަށް ޒިކުރު ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ ހިތުން ޒިކުރު ކުރުމެވެ. އެގޮތުން ހިތުން ޒިކުރުކުރުމަކީ ވިސްނުމާއި ފިކުރު ހިންގުމެވެ. އެއީ މާތް ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކާއި ޙުކުމްތަކާއި އަދި އާޔަތްތަކާމެދު ފިކުރުހިންގުމެވެ. ޒިކުރުކުރުމުގެ ދެވަނަ ގޮތަކީ ދުލުން ޒިކުރު ކުރުމެވެ.

ދުލުން ޒިކުރުކުރުމަކީ މާތް ﷲ އަށް ކުއްތަންވެވޭ ކޮންމެ ބަހެއް ދުލުން ކިޔުމެވެ. އެގޮތުން تهليل އާއި تسبيح އާއި تكبير އާއި ޤުރުއާން ކިޔެވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަޙީކުރުމާއި ސުންނަތާއި ދީނީ ޢިލްމު އުނގެނުމާއި އެތަކެތި ކިޔެވުމަކީ ދުލުން ޒިކުރު ކުރެވިދާނެ ގޮތްގޮތެވެ. ޒިކުރުކުރުމުގެ ތިންވަނަ ގޮތަކީ އިންސާނާގެ ޢަމަލުން ޒިކުރު ކުރުމެވެ. އެގޮތުން މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމަށްއެދި އެ އިލާހަށްޓަކާ އެ އިލާހު ލޯބިވެވޮޑިގެންވާ ކޮންމެ ޢަމަލެއް ކުރިނަމަވެސް އެއީ ޢަމަލުން ކުރެވޭ ޒިކުރަކަށް ވެގެންދާނެއެވެ. މީގެތެރޭގައި ނަމާދުކުރުމާއި ޒަކާތް ދިނުމާއި ގާތްތިމާގެ މީހުންނަށާ ނިކަމެތިންނަށް ހެޔޮފޯރުވުންފަދަ ހުރިހާ ޢަމަލެއް ހިމެނިގެންދާނެއެވެ.

ޒިކުރުކުރުމަކީ، އަޅުކަންތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެންމެ މަތިވެރި އެއް އަޅުކަމެވެ. އީމާންތެރި ފުރިހަމަ މުސްލިމުންނަށް ކެއުންބުއިމަށް ބޭނުންވާ ވަރަށް ވުރެ ބޮޑަށް، ޒިކުރުކުރުމަށް ބޭނުންޖެހިގެންވެއެވެ. އެހެނީ ޒިކުރުކުރުމަކީ ރަޙްމާންވަންތަ ރަޙީމްވަންތަ މާތް ރަސްކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ ކަމެކެވެ. މީގެއިތުރުން ޒިކުރު ކުރުމަކީ ޝައިޠާނާގެ އުނދަގުލުން ސަލާމަތް ވެވޭނެ މަގެކެވެ. އަދި ކަންބޮޑުވުމާއި މާޔޫސްކަމުން ސަލާމަތްވެ، އުފާވެރިކަމާއި ހިތްހަމަޖެހުން އީމާންތެރި ހިތްތަކަށް ގެނެސްދޭ ނުހަނު ފައިދާހުރި ކަމެކެވެ. އެގޮތުން މާތް ﷲ ހަނދުމަކޮށް އުޅޭ މިހުންގެ މަތިން އެކަލާނގެވެސް ހަނދުމަ ކުރައްވާކަމާއި، ޒިކުރު ކުރުމުގެ ފައިދާއާއި މުހިންމުކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި ބަޤަރާ ސޫރަތުގެ 152 އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "ފަހެ އެހެންކަމުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ރަސްކަންފުޅު ހަނދުމަކުރާށެވެ! އޭރުން ތިމަންކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ ކިބައަށް ތިޔަބައިމީހުން ޝުކުރުވެރިވާށެވެ! އަދި ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ކާފިރުނުވާށެވެ."

މީގެ އިތުރުން ޒިކުރު ކުރަންވާ ގޮތާއި ޒިކުރު ކުރަން އެންމެ މޮޅު އިތުރު ވަގުތުތައްވެސް ކީރިތި ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ކީރިތި ޤުރުއާނުގެ އަޢުރާފު ސޫރަތުގެ 205 އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "ކަލޭގެފާނުންގެ ހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ހަނދުމަކުރައްވާށެވެ. ކިޔަމަންތެރިވެ ބިރުވެތި ވުމުގެ ގޮތުގައެވެ. ބަސަބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ!" އެހެންކަމުން ﷲ ހަނދުމަކޮށް ޒިކުރުކުރާމީހާ އެކަންކުރަންވާނީ އެ އިލާހަށް ކިޔަމަންތެރިވެ ބިރުވެތިވާ ޙާލުގައި މަޑުމައިތިރިކަމާއި އެކުގައިކަން މިއިން އެނގެއެވެ. އަދި ޒިކުރުކުރުން އެންމެ ރަނގަޅު ދެ ވަގުތަކީ ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތުތައްކަން މާތްﷲ މިވަނީ އިންސާނުންނަށް ބަޔާންކޮށްދެއްވާފައެވެ.

ގިނަގިނައިން ޒިކުރު ކުރުމަކީ ކީރިތި ﷲ ލޯބިވެވޮޑިގަންނަވާ ނުހަނު މޮޅުއިތުރު ކަމެކެވެ. އަދި އެއީ ސަލާމަތްތެރިކަމާ ފާފަ ފުއްސެވުމާއި ދިންނެވުން ލިބޭނެ ކަމެކެވެ. މިކަން ބަޔާންކުރައްވާ ހުކުރުގެ ނަމުން ކީރިތި ޤުރުއާނުގައި ނަންގަނެވި ބަޔާންކުރައްވާފައިވާ ޖުމުޢަ ސޫރަތުގެ 10ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "އަދި ގިނަގިނައިން މާތް ﷲ ގެ ރަސްކަންފުޅު ހަނދުމަކުރާށެވެ. އެއީ، ދިންނެވުމުގެ މޮޅުކަން ތިޔަބައިމީހުން ލިބިގަތުމަށްޓަކައެވެ." ހަމަ މި މޭރުމުން އަހުޒާބު ސޫރަތުގެ 35 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "އަދި ގިނައިން މާތް ﷲ ރަސްކަންފުޅު ހަނދާންކޮށް ޒިކުރުކުރާ މީހުންގެ ފިރިހެނުންނާއި، އަންހެނުން، އެމީހުންނަށް މަތިވެރިވެގެންވާ ސަވާބާއި ފާފަފުއްސެވުން މާތް ﷲ ތައްޔާރުކުރައްވާފައި ވެއެވެ." މިއިންވެސް ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރުމުގެ ބޮޑުކަމާއި މޮޅުކަން އެނގެއެވެ.

ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރާ މީހުންނަކީ ބުއްދީގެ އަހުލުވެރިން ކަމުގައި ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވާ އެފަދަ މީހުންނަށް ތަޢުރީފުގެ ވަޙީ ބަސްފުޅު ބާވާލައްވާފައެވެ. އެގޮތުން ބުއްދީގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާންކޮށްދެއްވާ ކީރިތި ޤުރުއާނުގެ އާލް ޢިމްރާން ސޫރަތުގެ 190 ވަނަ އާޔަތުން 191 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގައި ބުއްދީގެ އަހުލުވެރިން އެ އިލާހު ސިފަކުރައްވަނީ މިފަދައިންނެވެ. މާނައީ "އެބައިމީހުންނަކީ (ހެޔޮވިސްނޭ ބުއްދިވެރީންނަކީ) ކޮޅަށް ތިބެގެންނާއި އިށީނދެ ތިބެގެންނާއި، އޮށޯވެ އޮވެގެން މާތް ﷲ ހަނދުމަކޮށް، އަދި ބިމާއި އުޑުތައް ހެއްދެވުމާއިމެދު ފިކުރުކޮށް އުޅޭމީހުންނެވެ. (އަދި ދުޢާކޮށް ބުނެއުޅޭ މީހުންނެވެ.) ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މާނައެއްނެތް ބާޠިލުކަމެއްގެ ގޮތުގައި އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ނުވެއެވެ. އިބަރަސްކަލާނގެ ހުސް ޠާހިރު ވަންތަކަމާއެވެ. ފަހެ، ނަރަކައިގެ އަޒާބުން ތިމަންމެން ދިންނަވާފާނދޭވެ!"

އެހެންކަމުން ދިވެހިންގެ އަނގަމަތީ މަޖާޒަކަށް ވެފައިވާ " ވަލަޒިކުރުﷲ އަކްބަރު " އޭބުނެ ފުއްދާލުމުގެ ބަދަލުގައި މި ބުނެވެނީ ކިހާވަރެއްގެ ބޮޑު ވާހަކައެއްކަން ހަނދާންކުރަންޖެހެއެވެ. އަދި އެއާ އެއްގޮތަށް ޢަމަލު ކުރުމާއިއެކު އެހެން ބުނެލާފައި ފުއްދާލުމުގެ ބަދަލުގައި އެވަގުތުން ފެށިގެން ﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ އެންމެ ބޮޑު ކަންތައްކަން ދެނެގަނެ ޒިކުރު ކުރަންފެށުމަކީ އޭގެފައިދާ އާއި މަންފާ ދެ ދުނިޔޭގައިވެސް ލިބިގެންދާނެ ނުހަނު މޮޅުކަމެކެވެ.