ޚަބަރު

ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ މަސައްކަތުން އެކަހެރިކޮށްފި


ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ އަބްދުއްޝުކޫރު އަބްދުލް ހަކީމް، އެތަނުގެ މަސައްކަތުން އެކަހެރިކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒު ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައި ހުންނެވި ޝުކުރޫ އެތަނުގެ މަސައްކަތުން އެކަހެރި ކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އޭނާ ހިޔާގެ މަސއްކަތްތަކުން އެކަހެރިކޮށްފައިވަނީ އެކޮމިޝަނުގެ އެދުމަކަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް އެޗްއާރްސީއެމުން ބަލަމުންދަނީ ކޮން މައްސަލައެއްކަމެއް ޖެންޑަރ މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ހިޔާގެ އިސްވެރިޔާ މަސައްކަތުން އެކަހެރިކޮށްފައި މިވަނީ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތިންވެސް މައްސަލަތަކެއް ފެންމަތިވަމުން ދާ ދުވަސްވަރެއްގައެވެ. އަދި ދާދިފަހުން ޖެންޑަރ މިނިސްޓްރީގެ ބައެއް ޑިޕާޓްމަންޓްތަކުގެ މަޤާމުތަކަށްވެސްވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ހިޔާގެ އިސްވެރިޔާ މަސައްކަތްތަކުން އެކަހެރިކޮށްފައިވާއިރު އެޗްއާރްސީއެމުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އެތަނުގެ ހާލަތު ބަލާފައެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގެ ޙާލަތު ދެނެގަތުމާއި، ހިޔާގައި ބަލަހައްޓަމުންގެންދާ ކުދިންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯވަނީ ބަލާފައެވެ.