ޚަބަރު

ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން ޢިއުލާންކޮށްފި


ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓަށް ޤާޟީން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން ) ޢިއުލާންކޮށްފިއެވެ. ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓަށް ހޯދާނީ ކޮންމެ ކޯޓަކަށް އެއް ޤާޟީއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓުގެ ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 5 ވަނދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރިމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. އަދި ފެމެލީ ކޯޓުގެ ޤާޟީއަކަށް މަހެއްގެ މައްޗަށް 46375 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.

އިއްޔެ ހުވާކުރި ހަތް ޤާޟީންގެ ތެރެއިން އެއްބޭފުޅަކީ ކްރިމިނަލް ކޯޓަށް އައްޔަންކުރި ޤާޟީއެކެވެ. މިވަގުތު ކްރިމިނަލް ކޯޓުގައި ދިހަ ޤާޟީން އަދި ފެމިލީ ކޯޓުގައި ހަތް ޤާޟީން އެބަތިއްބެވެ.