ޚަބަރު

އިންޑިއާ ސަރުކާރުން 30000 މީސްލްސް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި


ހިމަބިހި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އިންޑިއާ ސަރުކާރުން 30000 މީސްލްސް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަވާލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ވެކްސިން ރާއްޖެއަށް ހަވާލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ. އަދި ރާއްޖެއިން ވެކްސިންއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއެވެ.

މިވެކްސިން ހަދިޔާކޮށްފައިވަނީ ރާއްޖެއިން ހިމަބިހި ބަލި ފެނުމާގުޅިގެން މިބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވެކްސިން ހޯދުމަށް އިންޑިޔާ ސަރުކާރުގައި ރާއްޖެއިން އެދިވަޑައިގެންނެވިތާ 72 ގަޑި އިރު ތެރޭގައިކަން ހެލްތު މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭންފަށާފައިވާއިރު މިއަދު ލިބުނު މިވެކްސިންއާއެކު ދަތިތަކެއްނެތި ފަންނީ ލަފާގެމަތިން، އިސްކަންދެވޭ ފަރާތްތަކަށް ވެކްސިން ދިނުމާއި މިހާރު ކުރިއަށް ގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ދިވެހި ސަރުކާރުން އެދުނު އެދުމަކަށް އިންޑިއާގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މިފަދަ އެހީތެރިކަމެއް ކުރުމުއްދަތެއްގައި ފޯރުކޮށްދެއްވުމަކީ އިންޑިޔާއިން ރާއްޖެއާ އޮތް ގުޅުން ރަމްޒްވެގެންދާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިތުރު މީސްލްސް ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށެވެ.

ވެކްސިން ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިމަރޖެންސީ ހާލަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީވުމަށް ތައްޔާރަށް އޮންނާނެކަމަށެވެ. އަދި އިމަރޖެންސީ ހާލަތްތަކުގެ އިތުރަށްވެސް ރާއްޖެއަށް ކުރިމަތިވި ކޮންމެ ހިތާމަވެރި ހާދިސާއެއްގައިވެސް މީގެ ކުރިން އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ރާއްޖެއިން ފެނުމާ ގުޅިން ހެލްތު މިނިސްޓްރީން ވަނީ އެބައްޔަށް މީހުން ސްކްރީން ކުރުމާއި ވެކްސިންޖެހުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން މިހާތަނަށް 3363 މީހުންނަށްވަނީ ވެކްސިން ދީފައެވެ. ހިމަބިއްސަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ.
ހިމަބިހި ފެތުރުނަ ނުދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން ދާއިރު، 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއްދޭން ވަނީ ފަށާފައެވެ. މިގޮތުން ވެކްސިންގެ އިތުރު ޑޯޒެއް ދޭނީ، އުމުރުން 6 މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިން،ގެ ތެރެއިން އެންމެ ފަހުން މީސްލްސް ވެކްސިން، އެމް.އާރު ނުވަތަ އެމް.އެމް.އާރު ޖެހުމަށް ފަހު 4 ހަފްތާގެ މުއްދަތެއް ފާއިތުވެފައި ނުވާ ތުއްތު ކުދިންނަށެވެ.